ގާޒީ އަލީ އާދަމް، ހުސައިން ފާއިޒު ރަޝާދު އަދި މުހައްމަދު ސަމީރު

ލީކުވި އޯޑިއޯތަކަށް 3 ގާޒީން ކުރީ އިންކާރު!

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާޒީން "ރަހީނުކޮށްގެން"، މަޖުބޫރުން އަދި ނުހައްގުންކަމަށް ފަނޑުޔާރުން ބުނާ އަޑު އިވޭ އޯޑިއޯ އަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ތިން ގާޒީން ވިދާޅުވެފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީިނަށް ހުކުމް ކުރީ ރަހީނުކޮށްގެން ކަމަށް، އެ މައްސަލަ ބެއްލެވި ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރެއްްގެ އޯޑިއޯ ވަނީ ލީކުވެފައެވެ. އެއީ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯއަކާއި، ގާޒީ އަލީ އާދަމްގެ އޯޑިއޯއަކާއި އަދި ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއެކެވެ.

މި ވީޑިއޯތައް ލީކުވި މައްސަލައާއި ގުޅިގެން  އެ މައްސަލަ ބަލާނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ވަނީ ވިދާޅުވެފައެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު އާއި އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ އާދަމް އާއި ޑްރަގް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަމީރުގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދެވުނު ކަމަށް ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ. އަދި ތިން ފަނޑިޔާރުންވެސް އެ އޯޑިއާއަށް އިންކާރުކުރި ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

"..މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް އިސްވެދެންނެވުނު ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ." ޖޭއެސްސީން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.

ޖޭއެސްސީން ވިދާޅުވީ، މި މައްސަލައިގައި އިތުރަށް މައުލޫމާތު ސާފް ކުރުމަށް ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީންގެ ބެންޗްގައި ދެން ހިމެނިވަޑައިގަންނަވާ އަލީ ރަޝީދު ހުސައިން އާއި އަހުމަދު ޝަކީލްއާ ސުވާލުކޮށް މައުލޫމާތު ސާފް ކުރެވުނު ކަމަށެވެ. ނަމަވެސް އެ އޯޑިއޯތަކުގައި ކޮށްފައިވާ ތުހުމަތުތައް މި ދެ ފަނޑިޔާރުންވެސް ދޮގު ކުރެއްވި ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ޖޭއެސްސީން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި، މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް ފުލުހުން އަރިހުގައި އެދިފައިވާ ކަމަށެވެ. އަދި މި ތަހުލީލަށް އޯޑިއޯ ސާމްޕަލް ދިނުމަށް އޯޑިޔޯތަކުގައި އެފަނޑިޔާރުންކަމަށް ބުނާ ފަނޑިޔާރުން ރުހުން ދީފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާނެ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ލީކުވެފައިވާ ގާޒީ ފާއިޒުގެ އޯޑިއޯގައި، ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާޒީން "ރަހީނުކޮށްގެން" ކަމަށް ދޭހަވާގޮތަކަށް ފާއިޒު ވާހަކަދެއްކެވިއެވެ. އެ ރެކޯޑިންގައި ގާޒީ ފާއިޒު ވިދާޅުވީ، ރަހީނު ކުރެވޭނެ ބައިވަރު ގޮތްތައް ހުންނާނެ ކަމަށާއި، އޭނާ ރަހީނު ނުކުރި ނަމަވެސް އޭނާގެ އަނބިމީހާ ނުވަތަ ގާތްމީހަކު ރަހީނުކޮށްގެން ވެސް އަމަލެއް ހިންގިދާނެ ކަމަށެވެ.

މީގެެ އިތުރުން ލީކުވެފައިވާ ގާޒީ އަލީ އާދަމާއި، ގާޒީ މުހައްމަދު ސަމީރުގެ އަޑުކަމަަށް ބެލެވޭ އޯޑިއޯތަކެއްވެސް ވަނީ ލީކުވެފައެވެ. އޯޑިއޯގައި ގާޒީ ސަމީރު ވިދާޅުވެފައިވަނީ ބެންޗު އެކުލަވާލައި ރައީސް ޔާމީނަށް ހުކުމް ކުރެއްވުމަކީ ގާޒީ އަލީ ރަޝީދު ކުރެއްވި ކަމެއް ކަމަށެވެ. އަލީ އާދަމް ވިދާޅުވަނީ ހުކުމުގެ ކުރިން އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން ހުށަހެޅުއްވި ކަމަށާއި އަލީ އާދަމްއަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަން ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އެ މަގާމު ނުދެއްވާކަމަށް ލީކުވި އޯޑިއޯގާ ގާޒީ އާލީ އާދަމް ބުނެފައިވެއެވެ.

ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފުރަތަމަ ބެއްލެވި އަހްމަދު ހައިލަމް އެންމެ ފަހުވަގުތު ސަސްޕެންޑް ކުރުމަށް ފަހު އެމައްސަލަ ދެން ބެއްލެވީ ފަސް ގާޒީންގެ ބެންޗަކުންނެވެ. އެބެންޗްގައި ތިއްބެވީ ގާޒީ އަލީ ރަޝީދު ހުސެއިނާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

ޔާމީނުގެ ޝަރީއަތަށް ސަރުކާރުން ނުފޫޒް ފޯރުވާކަމަށް ބުނެ އިދިކޮޅު ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީގެ ތަޅުމުގައާއި އަދި ރައީސް އޮފީހަށް ވަޑައިގެން އިހުތިޖާޖުކުރައްވައިފައެވެ. ރައީސް އޮފީހަށް ވަޑައިގެން ރައީސް ސޯލިހްއާއި ބައްދަލުކުރެއްވުމަށް މެންބަރުން ވަނީ އެދިވަޑައިގަނެފައެވެ.

އީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު އެ މެންބަރުންނާއި ބައްދަލުކުރައްވާ ވިދާޅުވީ، ފެތުރެމުންދާ އޯޑިއޯއަކީ އަސްލެއް ނެތް އެއްޗެއްކަމަށެވެ. އަދި ފެތުރެމުންދާ އޯޑިޔޯތަކުގެ މައްސަލަ ބައްލަވައިދެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގަންނަވާފައި ވާނެކަމަށާއި މި މައްސަލަ ބެލުމަށް ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާފައި ވާކަމަށް ޗީފް އޮފް ސްޓާފް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ