މަޝްހޫރު ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާ ބަރަހަނާ ފިލްމް އުފައްދެމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާއިރު، ޝިލްޕާ ބޭނުންވަނީ އޭނަ އާއި ދަރިން ރާޖު އާއި ވަކިން ދުރުގާ އުޅެންކަމަށް އިންޑިއާގެ ނުސްތަކުގައި ރިޕޯޓުކޮށްފިއެވެ.
ޝިލްޕާގެ ފިރިމީހާ ރާޖް ކުންދްރާ އަކީ އިންޑިއާގެ ނަން މަޝްހޫރު ވިޔަފާރިއެކެވެ. ބަރަހަނާ ފިލްމް އުފައްދެމުގެ ތުހުމަތުގައި ރާޖު ހައްޔަރުކުރީ މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހުއެވެ. މި މައްސަލައިގައި ރާޖް ކުންދްރާ ހައްޔަރު ކުރުމަށްފަހު، ފުލުހުން ވަނީ ކަފާލާތުގެ ދަށުން ވެސް އޭނާ ޖަލުން މިނިވަން ނުކުރުމަށް ކޯޓުގައި އެދިފައެވެ.
ޝިލްޕާގެ ގާތް ރަހުމަތްތެރިއަކު މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ޝިލްޕާ މިހާރު ބޭނުންވަނީ އޭނަ އާއި ދަރިންވެސް ރާޖުއާއި ދުރުވުމަށެވެ. ރާޖު ހައްޔަރުކުރުމާއެކު ޝިލްޕާވެސް މީޑިއާތަކާއި ދުރުގާ އުޅުމަށްފަހު މިހާރު ވަނީ އެނބުރި ރިއަލިޓީ ޝޯ ސުޕަރ ޑާންސާގެ ޖަޖުކަން ކުރުމަށްވެސް އެނބުރި އައިސްފައެވެ.
ޝިލްޕާ ބުނާ ގޮތުގައި، އޭނަގެ ފިރިމީހާ ރާޖު ބަރަހަނާ ފިލްމް އުފައްދާ އޭގެން ވިޔަފާރި ކުރާކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. އެހެންކަމުން އޭނާ މިހާރު ބޭނުންވަނީ ރާޖުގެ މުއްސަނދިކަމުން ދުރުވެ ދަރިންނާއެކު އަމިއްލައަށް ދިރިއުޅުމަށް ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ގިނަ ދުވަސްތަކަކަށް ފަހު ޝިލްޕާ މިހާރު އަލުން ފިލްމްވެސް ކުޅެން ފަށައިފައިވާއިރު، އޭނާ ވަނި ދާދިފަހަކުން ރިލީޒްކުރި "ހަންގާމާ 2" އިން ފެނިގެންގޮސްފައެވެ.



