ގޭގެއަށް ގޮސްގެން ކުނި ނަގާގޮތަށް ހަމަޖައްސައިފި

މާލެ ސިޓީގެ ގޭބިސީތަކުން ކުނި ނެގުމުގައި ގޭގެއަށް ގޮސްގެން ކުނި ނަގާގޮތަށް ވެމްކޯއިން އުސޫލު ބަދަލުކޮށްފިއެވެ. އަދި ސިޓީ ކައުންސިލުން މަގުމަތީ ކުނިބެހެއްޓުން މަނާކުރުމާއި ގުޅިގެން އެއްވެސް ގޭބިސީއަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވެމްކޯއިން މިއަދު ނޫސް ބަޔާނެއްގައި ބުނީ، ފުރަމާލެ ސަރަހައްދުގެ އާންމު ހާލަތު ރަނގަޅުވަމުންދިޔުމާއި ގުޅިގެން، މިކަމަށް ރިޢާޔަތްކޮށް މިކޯޕަރޭޝަނުން މިސަރަހަދުގެ ގޭބިސީތަކަށް ފޯރުކޮށްދެމުންދާ ކުނި ނެގުމުގެ ޚިދުމަތްތަކަށް ބަދަލުގެނައުމަށް ވަނީ ނިންމާފައި ކަމަށެވެ.

އެގޮތުން 2021، 15 ސެޕްޓެމްބަރ އިން ފެށިގެން މިސަރަހައްދުގައި ދިރިއުޅޭ ވެމްކޯގެ ކަސްޓަމަރުން ކުނި ނެރެންވާނީ 18:00 އިން 19:00 އާއި ދެމެދުކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

ވެމްކޯއިން ކުނި ނަގާނީ އިމާރާތުގެ އެތެރެއިން ގޭގެ އެންމެ ތިރީ ފަންގިފިލާއިންކަމަށާއި. އަދި މިގަޑިތަކުގައި އިމާރާތުގެ އެތެރެއިން ފަސޭހައިން ކުނި ނެގޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

ވެމްކޯއިން ބުނީ، ކުނިނެގުމަށް ވެމްކޯގެ މުވައްޒަފުން ހަރަކާތް ތެރިވަމުން ދާނީ ރޭގަނޑު 20:00 އިން 23:00 ދެމެދުކަމަށައެވެ. އަދި އެވަގުތުގައޮ މިކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނުނަގާނެ ކަމަށް ވެމްކޯއިން މައުލޫމާތު ދިނެވެ.

މީގެ އިތުރުން، ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަޖިސްޓަރ ކުރެވިފައިވާ ގޭބިސީތަކަށް ކަމަށް ވެމްކޯއިން ބުންޏެވެ.

ސިޓީ ކައުންސިލުން މަގުމަތީ ކުނިބެހެއްޓުން މަނާކުރުމާއި ގުޅިގެން އެއްވެސް ގޭބިސީއަކުން މަގުމައްޗަށް ކުނި ނުނެރުމަށް އިލްތިމާސް ވެމްކޯއިން ބުނީ، މިހާލަތުގައި ވެސް ރައްކާތެރިގޮތުގައި ކުނި ބަންދުކުރުމަށާއި އެންގިފައިވާ ވަގުތުގައި ވެމްކޯގެ މުވައްޒަފުންނަށް ކުނި ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

މިބަދަލާ ގުޅިގެން 2021، ސެޕްޓެމްބަރ 01 ވާ ބުދަދުވަހު ވެމްކޯ އާއި ސިޓީ ކައުންސިލް ގުޅިގެން ބާއްވާ ނޫސްވެރިންނާއި ބައްދަލުކުރާނެ ކަމަށް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ވެމްކޯއިން މަގުމައްޗަށް ކުނިނުނެރޭ ގޮތަށް އުސޫލު ބަދަލުކޮށްފައި މިވަނީ، ކުނި މަގުމައްޗަށް ނެރުމުގެ ސަބަބުން މަގުތައް ނަޖިސްވެ ހަޑިވާތީ އެކަމާއި ގިނަ ބަޔަކު ފާޑުކިޔަފައި ވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
211
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ