ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮންނަ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރެއްގައި ވަނީ، މިދިޔަ އަހަރުގެ މާޗު 12 ގައި ރާއްްޖޭގައި އިއުލާންކޮށްފައި އޮތް ސިއްހީ ނުރައްކަލުގެ ހާލަތު އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ދަމަހައްޓަން ނިންމައިފައިވާ ކަމަށެވެ.
އެ ގަރާރުގައި ބުނީ ކޮވިޑް-19 އަދިވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އޮތް ހިނދު އަދި ރާއްޖޭގައިވެސް ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމާއެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓަން ނިންމީކަމަށެވެ.
މިއީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި 18 ވަނަ ފަހަރެވެ. އެންމެ ފަހުން މިދިޔަ މަހު ކުއްލި ހާލަތު އިތުރު ކުރީ މިއަދާ ހަމަޔަށެވެ.



