ޤައުމު ބިނާކުރުމުގައި މިހާރުވެސް އެންމެ މުހިންމު ދައުރެއް އަދާކުރައްވަނީ އަންހެނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 2020 - 2021 ވަނަ އަހަރުގެ ރެހެނދި އެވޯޑު ދިނުމަށްޓަކައި ރޭ ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހް ވިދާޅުވީ، ޙަޤީޤަތުގައި ޤައުމު ބިނާކުރުމުގައި، މިހާރުވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ދިވެހި އަންހެނުންކަމަށާއި، ސަބަބަކީ، ޤައުމުގެ ތަރައްޤީ އެބައެއްގެ އަތްމަތިން ބައްޓަންވެގެން އަންނަ ޤައުމުގެ ޒުވާން ޖީލަށް، އެންމެ ޅަފަތުން ފެށިގެންވެސް ޢިލްމު އުނގަންނައިދިނުމުގައި، އެންމެ ގިނައީ އަންހެނުން ކަމަށްވާތީ ކަމަށެވެ. އެއީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވާ ގާތްގަނޑަކަށް 78 އިންސައްތަ އަންހެނުންކަމުގައި ރައީސް ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދަޅުވީ، މި ސަރުކާރުގެ އަމާޒަކީ، އަންހެނުންގެ ތަރައްޤީއާއި އަންހެނުން ބާރުވެރިކުރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ޙައްޤު މަޤާމު އަންހެނުންނަށް ހޯދައިދިނުންކަމަށާއި، ސަރުކާރު އަބަދުވެސް އޮންނާނީ ދިވެހި އަންހެނުންނަށް ތަރައްޤީގެ ފުރުޞަތުތައް ފަހިކޮށްދީ، ދިވެހި އަންހެނުން ބާރުވެރިކުރުމުގައި އެހީތެރިވެދޭންކަމަށެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށްޓަކައި ކުރާ މަސައްކަތުގައި ދިވެހި އެންމެހާ ކަނބަލުން އެއްބާރުލުންދިނުމަށް އެދިވަޑައިގެންފައެވެ. އަދި މިހާރު ސަރުކާރުން އަންހެނުންނަށް ފަހިކޮށްދެއްވާފައިވާ ފުރުޞަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދައުލަތުގެ ފަރާތުން ރެހެންދި އެވޯޑްގެ ނަމުގައި އެވޯޑެއް ދިނުމުގެ މަޤްޞަދުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެ މަޤްޞަދަކީ އަންހެނުން ކުރާ މަސައްކަތްތަކާއި ޙާޞިލުކޮށްފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް، ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު މިންތީގެ ތަފާތުތައް ނައްތާލައި ދެޖިންސުގެ ދެމެދުގައި ހަމަހަމަކަން ޤާއިމު ކުރުމަށް މަސައްކަތްކުރާ، ވަކިވަކި ފަރުދުންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތްތައް ބަލައިގަނެ، ޤައުމީ ފެންވަރެއްގައި އަގު ވަޒަން ކުރުމަކީ ވެސް، ރެހެންދި އެވޯޑް ދިނުމުގެ ވަރަށް ބޮޑު ބޭނުމެއްކަމުގައި އެމަނިކުފާނު ވަނީ ރޭގެ ރަސްމިއްޔާތުގައި ފާހަގަކުރައްވާފައެވެ.
ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ރޭ ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެންމެ މުހިންމު ކަމަކަށް ފާހަގަކުރައްވާފައި ވަނީ ސަރުކާރުގެ މަސައްކަތުން ޤާނޫނީ ގޮތުން ގެނަސްފައިވާ ބަދަލުތަކެވެ. އޭގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު މުހިންމު ބަދަލުގެ ސަބަބުން އަންހެނުންނަށް ލިބިގެންދިޔަ ފުރުޞަތުތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު މި އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެދިގެންދިޔަ އަންހެންގެ ކޮމިޓީތަކުގެ ސަބަބުން ތަރައްޤީގެ ސިޔާސަތުތައް ކަނޑައެޅުމުގަޔާއި ކަންކަން ނިންމުމުގައި، އަންހެނުންގެ ބައިވެރިވުން ޢަމަލީ ގޮތުން އިތުރުވެގެން ގޮސްފައިވާކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަދިވެސް ކަންކަން ނިންމާ ފެންވަރުގައި ގޮތް ކިޔައި ބަސްބުނުމުގައި އަންހެނުންނަށް ގޮންޖެހުންތަކެއް ހުރިކަމަށެވެ. އަދި އެގޮންޖެހުންތައް ކުރިމަތިވަނީ މުޖްތަމަޢުގައި އަންހެނުންނާއި ފިރިހެނުން އަދާކުރަންޖެހޭ ޒިންމާތަކާ މެދު، ޒަމާނުއްސުރެ މުޖުތަމަޢުގައި ހުރި ވިސްނުންތަކާއި ޤަބޫލުކުރުންތަކުގެ ސަބަބުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އެހެންކަމުން އެކަމަށް ޙައްލުހޯއްދެވުމަަށް ކުރައްވާ މަސައްކަތްތަކުން، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ލިބިދޭ އިތުރު ފުރުޞަތުތަކުގެ އެހީގައި، އަންހެނުންގެ ބައިވެރިވުން އިތުރުވަމުން އަންނަ ވަރަކަށް، މުޖުތަމަޢުގެ ވިސްނުން ރަނގަޅުވާނެކަމަށް ދެކިވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ހާލަތުގައި އަންހެނުން ކުރެއްވި އަގުހުރި ހިތްވަރުގަދަ މަސައްކަތް ފާހަގަކުރައްވާ އެކަމަށް ތަޢުރީފު ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރޭ ރެހެންދި އެވޯޑް ޙާޞިލް ކުރެއްވި ބޭފުޅުންނަށާއި، ލ. އަތޮޅު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް، އިޚްލާޞްތެރިކަމާއެކު ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.



