ފުރަމާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނެގުމުގައި އިމާރާތްތަކުގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނަގާގޮތަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ހަމަޖައްސައިފިއެވެ.
މާލެ ސިޓީގެ ގޭބިސީތަކުން ކުނި ނެގުމާއި ގުޅޭ ގޮތުން މި މަހުގެ 15 ވަނަ ދުވަހުން އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގައި ވެމްކޯއިން މީގެ ކުރިން ބުނީ، މާލެ ސިޓީގެ ގޭބިސީތަކުން ކުނި ނެގުމުގައި ގޭގެއަށް ގޮސްގެން ކުނި ނަގާގޮތަށް ވެމްކޯއިން އުސޫލު ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަކިވަކި ފަންގިފިލާތަކުން ކުނި ނެގުމަށް ހަމަޖެހިފައި ނުވާ ކަމަށް އޭރު ވެމްކޯއިން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
ނަމަވެސް މި އުސޫލު ބަދަލުކޮށް ވެމްކޯއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ކުނި ނެގުމާއި ގުޅޭގޮތުން އެކޯޕަރޭޝަން އިން އޭރު ގެންނަން ނިންމި ބަދަލާއި ގުޅިގެން ކަސްޓަމަރުންގެ ފަރާތުން ލިބުނު ހިޔާލަށް ރިއާޔަތް ކުރުމަށް ފަހު، އެކޯޕަރޭޝަންއިން ފޯރުކޮށްދޭ ހިދުމަތްތަކަށް ބަދަލުތަކެއް ގެނެއުމަށް ވަނީ ނިންމާފައި ކަމަށެވެ.
ގޮތުން 15 ސެޕްޓެމްބަރ އިން ފެށިގެން އެކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ކުނި ނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީ ކޮށްފައިވާ އަދި މަހުން މަހަށް ފައިސާ ދައްކަމުން އަންނަ ގޭބިސީތަކުގެ ވަކި ފަންގިފިލާތަކުން، ދޮރުމަތިން ކުނިނެގުމުގެ (ޑޯސްޓެޕް ޙިދުމަތް) އަލުން ދިނުމަށް ނިންމައިފައިވާ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
ވަކި ވަކި ފަންގިފިލާތަކަށް އަރާ ކުނި ނެގުން ވެމްކޯއިން ހުއްޓާލީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެންނެވެ. އޭރު މަގުމައްޗަށް ކުނި ނެރޭ ގޮތަށް އުސޫލު ހަމަޖެއްސިނަމަވެސް، މަގުތަކުގައި ކުނި ބެހެއްޓުމުގެ ސަބަބުން މަގުތަށް ނަޖިސް ވާތީވެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއާއެކު ވެމްކޯއިން މިވަނީ އުސޫލު ބަދަލުކޮށްފައެވެ.
މި ބަދަލާއެކު ހިދުމަތް ހޯއްދަވާ ފަރާތްތަކުން ވަކި ކަންކަމަށް ސަމާލުކަން ދިނުމަށް ވެމްކޯއިން ވަނީ އެދިފައެވެ. އެ ކަންކަމަކީ:
- ކުނި ނެގުމުގެ ޚިދުމަތަށް ކުރިން ރެޖިސްޓަރ ކުރެވިފައި ނަމަވެސް ފީ ނުދައްކާ ގޭބިސީތަކަށް ޙިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ފާއިތުވެދިޔަ 3 މަސް ދުވަހުގެ ބިލްތައް ފިޔަވާ، ބާކީ ހުރި ވެމްކޯގެ ބިލަށްވާ ފައިސާ ޚަލާސްކުރުމުންނެވެ. މިފަދަ ކަސްޓަމަރުން ޙިދުމަތްތައް އިއާދަކުރުމަށް އިތުރު ފޯމެއް ހުށައަޅަން ނުޖެހޭނެއެވެ.
- 2021، 7 ސެޕްޓެމްބަރ އިން ފެށިގެން ވެމްކޯއިން ގޭބިސީތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ރެޖިސްޓަރ ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އިމާރާތުގެ ވެރިފަރާތުގެ ނަމުގައެވެ. މިފަދަ ރެޖިސްޓްރޭޝަންތަކަށް ވަކި އިމާރާތެއް (ބިލްޑިންގ ސާރވިސް) ނުވަތަ ވަކި އެޕާޓްމަންޓްތަކެއްގެ (ޑޯސްޓެޕް ސާރވިސް) ގޮތުގައި އެދިލެއްވޭނެއެވެ. | ކުނި ނެގުމަށް އިމާރާތަށް ވަންނަ ވެމްކޯގެ ވެށިފާރަވެރިންނަށް ފަސޭހައިން ކުނި ނަގާ، ބޭލޭނެ ފަދަ އިންތިޒާމެއް ހަމައްސަން ޖެހޭނެއެވެ.
- ކޮންމެ ގޭބިސީއަކުން ވެސް ދުވާލަކަށް އުކާލެވޭނީ ދުވަހުކުނީގެ މިންގަނޑަށް ފެތޭ މެދު (40 މީޓަރު) ސައިޒްގެ 3 ޑަސްބިން ކޮތަޅުގެ ކުނި ނުވަތަ ކަޅު ޑަސްބިން ކޮތަޅު (120 ލީޓަރު)ގެ ކުންޏެވެ. ކަޅު ކޮތަޅުގައި ބަންދު ކުރާނަމަ ކޮތަޅު ފުރާނީ އުފުލޭނެ ބަރުދަނަށް ބަލާފައެވެ.
މީގެ އިތުރުން ދުވަހު ކުނީގެ ގޮތުގައި ބަރު އަދި ބޮޑެތި ކުނި ނެގުމަށް ހަމަޖެހިފައި ނުވާ ކަމަށާއި އަދި މިފަދަ ކުނި އުކާލުމަށް 1666 އަށް ގުޅުއްވާ ކެޕްސް (ދަތުރެއް) ނުވަތަ ކެޕްސް ލައިޓްގެ (ވަކި އައިޓަމަކަށް) ޙިދުމަތަށް އެދިލެއްވޭނެ ކަމަށް ވެމްކޯއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ވެމްކޯއިން ބުނީ، ވެމްކޯގެ މާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ސައިޓްގެ ބޮޑު ސަރަހައްދެއް ބަންދުކުރަން ޖެހުމުން، އަމިއްލައަށް ސައިޓަށް ދުރުވެ ކުނި އުކާލުމަށްޓަކައި ދޫކުރެވިފައިވާ ވެމްކޯގެ ޑީ.ކާޑުގެ ހިދުމަތް ސެޕްޓެމްބަރ 15 އިން ފެށިގެން މެދުކަނޑާލެވިގެންދާނެކަމަށެވެ. މިފަދަ ކަސްޓަމަރުން ވެމްކޯއިން ގޭބިސީތަކަށް ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތަށް ރެޖިސްޓަރ ކުރުމަށް ވެމްކޯއިން ވަނީ އެދިފައެވެ.
މީގެ އިތުރުން، ސެޕްޓެމްބަރ 15 އިން ފެށިގެން ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަޖިސްޓަރ ކުރެވިފައިވާ ގޭބިސީތަކަށް ކަމަށް ވެމްކޯއިން ބުންޏެވެ.
ފުރަމާލެ ސަރަހައްދުގައި ވެމްކޯއިން ކުނި ނެގުމުގައި ހިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށްވެސް ވެމްކޯއިން ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މާލެ އިން ކުނި ނަގާނީ ހަވީރު 18:00 އިން 23:00 އާއި ހަމައަށެވެ. އަދި ވިލިމާލެ އާއި ހުޅުމާލެ އިން ރޭގަނޑު 20:00 އިން 23:00 އާއި ހަމައަށެވެ.
ސިޓީ ކައުންސިލުން މަގުމަތީ ކުނިބެހެއްޓުން މަނާކުރުމާއި ގުޅިގެން އެއްވެސް ގޭބިސީއަކުން މަގުމައްޗަށް ކުނި ނުނެރުމަށް އިލްތިމާސްކޮށް ވެމްކޯއިން ބުނީ، މިހާލަތުގައި ވެސް ރައްކާތެރިގޮތުގައި ކުނި ބަންދުކުރުމަށާއި އެންގިފައިވާ ވަގުތުގައި ވެމްކޯގެ މުވައްޒަފުންނަށް ކުނި ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.
ވެމްކޯގައި ކުނި ނެގުމުގެ ޙިދުމަތައް ރަޖިސްޓަރ ނުކުރާ ބޭފުޅުން ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް އެ ކޯޕަރޭޝަން އިން އެދިފައިވެއެވެ.




