ފްލެޓްތަކުގައި ކުނިއަޅާ ގޮޅިތަކަށް އަޅާކުނި މިދުވަސްވަރު ނަގާ އެތަން ސާފުނުކުރެވޭނެތީ މިދުވަސްވަރު ގޮޅިތަކަށް ކުނި ނޭޅުމަށް އަންގައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ އެ އިދާރާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ގިނަ ޢަދަދެއްގެ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއިގުޅިގެން، ބިދޭސީ ހުރިހާ މުވައްޒަފުން މިހާރު ވަނީ ކަރަންޓީނު ކުރެވިފަިކަމަށާއި އެކަމުގެ ސަބަބުން ބިދޭސީ މުވައްޒަފުން ޝާމިލްކޮށްގެންކުރާ ހުރިހާ މަސައްކަތެއް މި ވަގުތު ވަނީ މުޅިން ހުއްޓިފައިކަމަށެވެ.
"ވުމާއެކު، ފްލެޓްތަކުގައި ކުނިއަޅާ ގޮޅިތަކަށް އަޅާކުނި މިދުވަސްވަރު ނަގާ އެތަން ސާފުނުކުރެވޭނެތީވެ، ގޮޅިތަކަށް ކުނި ނޭޅުމަށް އަންގަން" މާލެ ސިޓީ ކައުންސިލުން ވިދާޅުވިއެވެ. އަދި ފްލެޓްތަކުގެ ގޯތިތެރެއަށާއި ފުރާޅުތައް މައްޗަށް ކުނިއަޅާ ނުހެދުމަށްވެސް އެ އިދާރާއިންވަނީ އަންގާފައެވެ.
މީގެ އިތުރުން ކުނި އުކާލުމަށްޓަކައި ވެމްކޯގައި ރަޖިސްޓްރީވުމަށް ކުރިންވެސް އެންގިފައިވާނެ ކަމަށާއި މިހާތަނަށް ރަޖިސްޓްރީ ނުވާ ފަރާތްތަކުން ވެމްކޯގައި ރަޖިސްޓްރީވެ، ވެމްކޯ މެދުވެރިކޮށް ކުނި އުކާލަމުން ގެންދިއުމަށްވެސް އެ އިދާރާއިން ވަނީ އަންގާފައެވެ.




