ރ. އަލިފުށީގައި ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގައި ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) ވަނީ އަލިފުށީގައި ހިނގާ މަޝްރޫއުތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ސުވާލުތަކަށް ހެލްތް މިނިސްޓަރަށް ހުށަހަޅައިފައެވެ. މިއަދުގެ ރައްޔިތުން މަޖިލިސްގެ ޖަލްސާގައި ހަސަންޓެ ހުށަހެޅުއްވި ސުވާލަށް ލިޔުމުން މިނިސްޓަރު ނަސީމް ފޮނުއްވާފައިވާ ޖަވާބުގެ ސިޓީ ވަނީ އަމީންއާންމު އިއްވައިފައެވެ.
މިނިސްޓަރު ނަސީމް އެ ސިޓީގައި ވިދާޅުވީ އަލިފުށީގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ މިހާރު ނިމިފައިވާ ކަމަށެވެ.
މި ޕްރޮޖެކްޓުގެ މަސައްކަތް ޔޫއެސްޕީ މޮޑެލްގެ ދަށުން ކުރިއަށްގެންދިއުމަށްޓަކައި ރާއްޖެއިން ބޭރުގެ ކޮންޓްރެކްޓާއެއް ހޮވައި އެފަރާތާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރަންޖެހޭ ފްރޭމްވޯކް އެގްރީމަންޓްގައިމިދިޔަ ޖޫން މަހުގެ 30 ސޮއިކޮށް މިހާރު ކުރެވެމުންދަނީ ދެ ފަރާތުގެ ދެމެދުގައި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
އަދި މި ޕްރޮކެޖްޓުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގައި ފެށުމަށް ވަނީ ޕްލޭންކޮށްފައިވާ ކަމަށްމިނިސްޓަރ ނަސީމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އަލިފުށީ އެއާޕޯޓު އެޅުމާއި ބިންހިއްކުމާ ގުޅޭގޮތުން މެމްބަރު ކުރެއްވި ސުވާލަށް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ލިޔުމުން ޖަވާބު ދެއްވާފައެވެ.
ޕްލޭނިން މިނިސްޓަރު އަސްލަމް ފޮނުއްވި ޖަވާބުގައިވާވިދާޅުވީ، ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނީ އީއައިއޭ އަދި މަޝްރޫއުގެ ޑިޒައިން މަރުހަލާއަށްފަހު ކަމަށެވެ. އަދި އެ މަރުހަލާއަށް ހޭދަވާނެ ކަމަށް މިނިސްޓަރު ލަފާކުރެއްވީ ހަ މަސް ދުވަހުގެ މުއްދަތެކެވެ.
އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމަށްޓަކައި ޕްލޭނިން މިނިސްޓްރީއާއި އެމްޓީސީސީއާ ދެމެދު މި މަހުގެ އެއްވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.
މީގެ އިތުރުން އަލިފުށީގެ މަގުހަދާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހު ސާފުކޮށްދިނުމަށް އެދި ހަސަންޓޭ ހުށަހެޅި ސުވާލަަށް ޖަވާބު ދެމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، އަލިފުށްޓަކީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރަން ކޮންޓްރެކްޓްކޮށް، އެ މަސައްކަތް ކުރިއަށްދާ ރަށެއް ކަމަށާއި އުސޫލެއްގެ ގޮތުން މަގުހެދުމުގެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވަނީ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން ކަމަށެވެ.
އަލިފުށީގައި އެއާޕޯޓެއް އަޅަން ނިންމާފައިވާއިރު، އަލިފުށީ ފަޅު ހިއްކައިގެން އަޅާ ރިސޯޓް ހަދާނެ ބަޔަކު ހޯދަން އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އިއްޔެ ވަނީ ވިދާޅުވެފައެވެ.



