އަލިފުށީ އެއަރޕޯޓު ހެދުމުގެ މަސައްކަތް އެމްޓީސީސީއަށް

ރ. އަލިފުށި ބިންހިއްކުމާއި އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން 1200 މީޓަރގެ ރަންވޭއެއް ޤާއިމްކޮށް، އެއަރޕޯޓެއް ތަރައްޤީކުރެވިގެން ދާނެއެވެ.

އަލިފުށި ބިންހިއްކުމާއި އެއަރޕޯޓުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީ އިން ވަނީ މި މަޝްރޫގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

451,615,528.48 ރުފިޔާ ހަރަދުކޮށްގެން މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ 750 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން، ރ. އަލިފުށީގެ 50.5 ހެކްޓަރގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން 10 ހެކްޓަރގެ ބިމަކީ ރަށުގެ ތަރައްޤީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ހާއްސަކުރެވިގެން ހިއްކޭބިމެވެ. އަދި، 40.5 ހެކްޓަރގެ ބިމަކީ އެރޕޯޓް ތަރައްޤީކުރުމަށް ހިއްކާ ބިމެކެެެވެ.

1200 މީޓަރުގެ ދިގު ރަންވޭއަކާއެކު އެއަރޕޯޓަށް ބޭނުންވާ ޢުމްރާނީ ތަރައްޤީ ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު މިކަމަށް ހިއްކާ ބިން ޙިމާޔަތްކުރުމަށް 2871 މީޓަރުގެ ރިވެޓްމަންޓަކާއި 480 މީޓަރުގެ ފައިކަށި ޖެހުމަށް ހަމަޖެހިފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫޤުއެވެ. އަދި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ ޕަބްލިކް ލިމިޓެޑްގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ