ފުލުހުންގެ އިދާރާއިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހުށަހަޅާފައިވާ އޯޑިއޯ ކްލިޕްތަކެއްގެ އެނަލަސިސް ކުރަން އާންމުންގެ މީހަކާ ހަވާލުކޮށްފިއެވެ.
ފުލުހުން ގެޒެޓް ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅޭ އޯޑިއޯ ކްލިޕްތަކުގެ އެނަލަސިސް ކުރަން މާލިއްޔަތު ގަވާއިދުގެ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން އާންމު މީހަކާ ހަވާލު ކޮށްގެން ކުރިއަށްގެންދަން ފުލުހުންގެ ބިޑް ކޮމެޓީން ނިންމާފައިވާ ކަމަށެވެ.
އޯޑިއޯތަކުގެ އެނަލަސިސް ހަދަން ފުލުހުން ހަވާލުކުރީ އަސްލަމް ޢަލީ ނަމަކަށް ކިޔާ މީހަކާއިއެވެ.
ފުލުހުން އޯޑިއޯ ކްލިޕްތަކެއްގެ އެނަލިސިސް ހަދަން އާންމު ފަރާތަކާއި ހަވާލުކޮށްފައި މިވަނީ، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާޒީން "ރަހީނުކޮށްގެން"، މަޖުބޫރުން އަދި ނުހައްގުންކަމަށް ފަނޑުޔާރުން ބުނާ އަޑު އިވޭ އޯޑިއޯތަކެއ ލީކުވެ އެ މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސް ޔާމީިނަށް ހުކުމް ކުރީ ރަހީނުކޮށްގެން ކަމަށް، އެ މައްސަލަ ބެއްލެވި ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރެއްްގެ އޯޑިއޯ ވަނީ ލީކުވެފައެވެ. އެއީ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯއަކާއި، ގާޒީ އަލީ އާދަމްގެ އޯޑިއޯއަކާއި އަދި ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއެކެވެ. މި އޯޑިއޯތަކަށް 3 ގާޒީންވެސް ވަނީ އިންކާރުކޮށްފައެވެ.



