މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް-- ފޮޓޯ: ވަގުތު

ވެމްކޯއިން އެއްބާރުލުން ނުދޭނަމަ، އެހެން ގޮތެއް ހޯދާނަން: ސިޓީ ކައުންސިލް

ކުނި ނެގުމުގުގައި ސިޓީ ކައުންސިލާއެކު ވެމްކޯއިން ވެފައިވާ އެއްބާުރުލުމާ އެއްގޮތަށް ވެމްކޯއިން އެއްބާރުލުން ނުދޭނަމަ، އެހެން ގޮތެއް ހޯދާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ރަޖިސްޓްރީ ނުކޮށް ހުރި ގެތަކުން ކުނި ނެގުން ވެމްކޯއިން ހުއްޓާލުމާ އެކު، މާލޭގެ މަގުތަކުގައި ހުރި ކުނިތައް މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ ނަގަންފަށައިފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، ސިޓީ ކައުންސިލުން ގަބޫލުކުރާ ފެންވަރަށް މާލެ ސިޓީގެ މަގުތައް ކުނި ކަހާ، ކުނި އުކާލުމަށް ކައުންސިލާއި ވެމްކޯއާ ދެމެދު އެއްބަސްވުމެއް ވެފައި އޮންނާނެ ކަމަށެވެ. އަދި މާލޭގެ މަގުތަށް ސާފުކޮށް ބޭއްވުމުގެ މަސައްކަތަށް ކައުންސިލުން ކޮންމެ މަހަކު 3.1 މިލިއަން ރުފިޔާ ވެމްކޯއަށް ހަރަކަރު ކުރާކަމަށެވެ. އެހެންކަމުން ގޭބެސީ ތަކުން ކުނިތައް މަގުމައްޗަށް ނެރެފިނަމަ އެކަނި ނެގުމުގެ ޒިންމާވެސް އުފުލަން ޖެހޭނީ ވެމްކޯއިން ކަމަށް ނަރީޝް ވިދާޅުވިއެވެ.

އަދި ވެމްކޯއިން ރެޖިސްޓަރ ކޮށްފައި ހުރި ގޭބިސީތަކުން ކުނި ނަގަން ނިންމިނަމަވެސް، މި އެއްބަސްވުމުގައި ވާގޮތުން މަގުމައްޗަށް ނެރޭ ކުނިވެސް ނަގަން ޖެހޭނީ ވެމްކޯއިން ކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި މިއަދު ސިޓީ ކައުންސިލުން މަގުތަކުގައި ހުރި ކުނިތައް ނަގަން ފެށީ ވެމްކޯއިން އެ ޒިންމާ ނުނެގުމުން ކަމަށްވެސް ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް މިއަދު ވެމްކޯއާއެކު މަޝްވަރާގެ ބައްދަލުވެއް ބާއްވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ދަތި ނުވާނެހެން ރައްޔިތުން ނުރުހޭނެ ގޮތަކަށް ވެމްކޯއިން އެކަން ކުރައްވަން ބޭނުންނުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، މައްސަލަ ހައްލުވެގެންދާނެ ކަމަށް ގަބޫލުކުރާކަމަށްވެސް، ނަރީޝް ވިދާޅިވިއެވެ.

ނަމަވެސް މި މައްސަލައިގައި ސިޓީ ކައުްނސިލުން އެވަގުތަކު އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށާއި އަދި ނިއްމަން ޖެހޭ ނިންމުމެއް ނިންމަން ފަސްނުޖެހޭނެ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

"ރައްޔިތުން މި އެދޭ އަމާޒަށް ވާސިލުވުމަށްޓަކައި ވެމްކޯއިން އެއްބާރުލުން ނުދޭނަމަ، އެނޫން އޮޕްޝަނަކަށް ދާން ޖެހިއްޖެ ހާލަތެއްގައި ސިޓީ ކައުންސިލުން އެ އޮޕްޝަނަކަށް ދާނެ" ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު އެއްވެސް ޒާތީ މައްސަލައެއް ނުޖެހޭ ކަމަށާއި، މިހުރީ ވެމްކޯއިން އެއްބާރުލުން ދޭނަމަ މަޝްވަރާކޮށް އެކުގައި ކުރިއަށް ދާންކަމަށެވެ.

ކޮވިޑް-19 ގެ ހާލަތު އާންމު ހާލަތަކަށް އައިސްފައިވާއިރު، ކުރިންވެސް މާލޭ ސިޓީގައި ކުނި ނަގަމުން އައިގޮތަށް، ގޭގެއިން ކުނި ނަގާގޮތަށް ހަމަޖައްސަވަން ވެމްކޯއަށް ހުށަހަޅައިފައިވާނެ ކަމަށާއި، އަދި މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ގޮތަށް އަމަލު ކުރަން ނިންމާފައިވާ ކަމަށް މުއިއްޒި މިދިޔަ މަހު ވިދާޅުވުމާއިގުޅިގެން، ވެމްކޯއިން ފުރަތަމަ ވިދާޅުވެފައި ވަނި އެއީ ދޮގެއް ކަމަށެވެ.

ނަމަވެސް ފަހުން އުސޫލު ބަދަލުކޮށް ވެމްކޯއިން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފުރަމާލެ ސަރަހައްދުގެ  ގޭބިސީތަކުން ކުނި ނެގުމުގައި އިމާރާތްތަކުގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނަގާގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި މިގޮތަށް ކުނި ނަގާނީ ކުނި ނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީ ކޮށްފައިވާ އަދި މަހުން މަހަށް ފައިސާ ދައްކަމުން އަންނަ ގޭބިސީތަކުން ކަމަށް ވެމްކޯއިން ބުންޏެވެ.

މި އުސޫލަށް އިއްޔެ އަމަލުކުރަން ފަށައިފައިވާއިރު، ވެމްކޯއިން އިއުލާންކުރި ގޮަތަށް އެ ކުންފުނިން ކުނި ނަގާފައިވަނީ ހަމައެކަނި ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަންޏެވެ. އެއާއެކު މިއަދު ހެނދުނު މާލޭގެ މަގުތަކުގައި ކުނި ކޮތަޅުތައް ފުނި ޖެހިފައި ހުރި މައްސަލަ ފެންމަތިވިއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ