އައްޑޫ ސިޓީ ހިތަދޫގައި 16 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.
މި މަހުގެ 14 ވަނަ ދުވަހު 16 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، އެ ކުއްޖާއަށް ޖިންސީ ގޯނާކޮސްފައި ވަނީ ފުލުހެއް ކަމަށް ވަނީ އަޑުފެތުރިފައެވެ.
މި މައްސަލަ ފެންމަތިވުމާއެކު ފުލުހުން އޭރު ވިދާޅުވީ، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންގެ ސައުތު ޕޮލިސް ޑިވިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އެ މައްސަލައާއި ގުޅިގެން ފުލުހުން ނުދެއެއެވެ.
މި މައްސަލައިެގެ ތުހުމަތުގައި އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުސް މީހާގެ ހައްޔަރުކޮށްފައި މިވަނީ، އޭނާ ހައްޔަރުކުރުން ލަސްވަމުން މިއަދު ހަވީރުން ފެށިގެން އައްޑޫގައި މުޒާހަރާއެއް ފަށައިފައި ވަނިކޮށެވެ.
މި މުޒާހަރާގައި އާއްމުން ވަނީ އެ ފުލުސް މީހާ ދިރިއުޅޭ ގެކައިރިއަށް އެއްވެ އަޑު އުފުލައިފައެވެ. އަދި މުޒާހަރާގެ ތެރެއިން އާއްމުންނާއި ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުން ހިނގައިފައެވެ.
ފުލުހުން މިރޭ ވިދާޅުވީ، އައްޑޫ ސިޓީގައި މިއަދު ކުރި އިހުތިޖާޖުގައި ފުލުހުންގެ ދަޢުރު އަދާކުރުމަށް މުޒާހަރާގެ ބައިވެރިން ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައި ކަމަށެވެ. އެގޮތުން އެތަނުގައި އެއްވެ ތިބި މީހުން ދުރަށް ޖެއްސުމުގެ ގޮތުން ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާކަމަށެވެ.
މައުލޫމާތު ލިބިފައިވާ މިރޭ ހައްޔަރުކުރި ފުލުސް މީހާ ވަނީ އެ ކުޑަ އަންހެން ކުއްޖާގެ އުމުރުނެ 14 އަހަރުނެ ފެށިގެން އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައެވެ.




