ޑިސެމްބަރަށް ބޮޑު ޗުއްޓީ ބަދަލުކުރުމުން ގެއްލުނު 6 މަސް އިއާދަކުރެވޭނެ: މުއިއްޒު

2025 ވަނަ އަހަރުން ފެށިގެން ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރުމަހަށް ބަދަލުކުރުމުގެ ދެވަނަ މަޤްޞަދަކީ ދަރިވަރުންނަށް ގެއްލުނު 6 މަސް ދުވަސް އިއާދަކުރުން ކަމަށް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މ.މުލަކުގައި މިރޭ ކުރިއަށްދާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރުމުގެ ދެވަނަ މަޤްޞަދަކީ ދަރިވަރުންނަށް ގެއްލުނު 6 މަސް ދުވަސް އިއާދަކުރުން ކަމަށާއި، އެއީ މި ބަދަލުން ހާސިލުވާ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އެ 6 މަސް އިރާދަކުރެއްވިއްޔާ މިދެންނެވިގޮތަށް 2025 ގެ ޖަނަވަރީއިން ފެށިގެން ސްކޫލް ހުޅުވޭގޮތަށް ބަދަލުވީމާ އެ 6 މަސް އެހާތަނަށްދާއިރު ސްކޫލް ނުނުމޭ ކުދިންނަށް އަނބުރާ ގެނެވިފައި އޮންނާނީ. އެހެންވީމާ އެ ގެއްލުނު 6 މަސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގެނެސްދޭނަން. އެކަން ހާސިލުކުރުމަށްޓަކައި 2025 ގެ ޖަނަވަރީއަށް ދާންޖެހެނީވެސް." ޑރ. މުއިއްޒު ވިދާޅުވިއެވެ. 

މުއިއްޒު ވިދާޅުވީ، އެކަން ހާސިލުކުރާނީ ދަރިވަރުންނާއި ބެލެނިވިވެރިންނަށްވެސް ބުރަޔަކަށް ނުވާނޭ ގޮތަށް ކަމަށެވެ.

"ދެން ބައެއް ބޭފުޅުން ވިދާޅުވަނީ ކިހިނެތްހޭ ކަރިކިއުލަމް ނިންމަނީ، ކިހިނެތްހޭ ގަޑިތައް ކުރިއަށް ގެންދަނީ. މިހާރުވެސް ސްކޫލްގެ މި ވަގުތުތައް ހުންނަގޮތުން ހަމަ ވަރަށް ފަސޭހަކަމާއެކީގައި އެކަން ހާސިލުކުރެވޭނެ. އެއްގޮތަކަށްވެސް އިތުރު ގަޑީގައި ގޮސްފައި ސްކޫލްގައި ކުދިން ތިބެންޖެހޭ ގޮތަކަށް ނޫން އެކަން އަޅުގަނޑުމެން ރާވާނީ. ހަމަ ވަރަށް ރީތިކޮށް ވަރަށް ފަސޭހައިން ބެލެނިވެރިންނަށްވެސް ބުރައެއް ނުވާ، ވަރަށް ޕްރެކްޓިކަލް، ވަރަށް އެޗީވަބަލް ޓާގެޓްތަކެއް އަޅުގަނޑުމެން ކަނޑައަޅަނީ، ވަރަށް ރަނގަޅަށް ހާސިލުކުރެވޭނެ ކަންކަން މިހުންނަނީ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެހާތަނަށްދާއިރު ސްކޫލް ނުނިމޭ ކުދިންނަށް 6 މަސް އިއާދަކުރެވުމަކީ އެ ކުދިންނަށާއި ބެލެނިވެރިންނަށް އަގުނުކުރެވޭވަރުގެ އިއާދައެއް ކަމަށެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ