ހުޅުމާލެ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގައި ދިމާވި ހާދިސާއާއި ގުޅިގެން އެކެމާއި ދެކޮޅަށް އަޑުއުފުލުމަށް މިރޭ އިދިކޮޅު ކޯލިޝަން، ޕީޕީއެމް/ޕީއެންސީން މާލޭގައި ފެށި މުޒާހަރާއަށް ފުލުހުން ހުރަސްއަޅާ، ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލައިފިއެވެ.
މިރޭގެ މުޒާހަރާ ފުލުހުން ރޫޅާލާފައިވަނީ މުޒާހަރާ ކުރަން ފުރުސަތު ނުދޭނެ ކަމަށް އިއުލާނު ކުރުމަށް ފަހު ގާނޫނީ އިންޒާރު ދިނުމަށް ފަހު އެވެ. އެގޮތުން މުޒާހަރާ ފެށުމާއެކު ފުލުހުން ވަނީ މުޒާހަރާ ހުއްޓުވަން ޝީލްޑް ހިފައިގެން ނިކުމެފައެވެ.
އެގޮތުން ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލައިފައިވަނީ މުޒާހަރާގެ ބައިވެރިންގެ މޫނަށް ޕެޕާ ސްޕްރޭ ޖަހެމަށްފަހުއެވެ. އެގޮތުން މުޒާހަރާގެ ދެ ބައިވެރިއަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށްވެސް މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ބުނެފައެވެ.
މުޒާހަރާ ރޫޅާލުމާއެކު މުޒާހަރާގެ ބައިވެރިން ވަނީ ދެ ގްރޫޕަކަށް ބެހިފައެވެ. އަދި އެއް ގްރޫޕަކުން އަންނަނީ މާލޭގެ މަގުތަކަށް ނިކުމެފައެވެ.
މިއަދު 08:00 ގައި އިދިކޮޅުން ފެށި މި މުޒާހަރާގެ ބޭނުމަކީ، ފިޔަވަތީގައި ހިނގާ ކަންކަމާ ކަންބޮޑުވުން ފާޅުކޮށް ކުރާ މުޒާހަރާއެއްކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. ނަމަވެސް މުޒާހަރާގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށްވެސް ބައިވެރިން ވަނީ ގޮވާލައިފައެވެ.




