ދިވެހިރާއްޖެއިން ހުރިހާ ސިފައެއްގައި ޓެރަރިޒަމް ކުށްވެރިކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި އެމަނިކުފާނު ދެއްވި ތަޤުރީރުގައެވެ.
މި ތަޤްރީރުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޓެރަރިޒަމްކަން ފާހަގަކުރައްވައި، ހަރުކަށި ފިކުރުން ދީން މާނަކުރުމުގެ ނުރައްކަލަށް ބަލަހައްޓައިގެން ތިބެވެން ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖެއަކީ ފެށުނީއްސުރެ މެދުމިނުގެ ދީނީ އަޤީދާ ޤަބޫލުކުރާ ޤައުމެއް ނަމަވެސް ރާއްޖެއަށްވެސް ހަރުކަށި ފިކުރު ފެތުރިފައިވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އެ ހަމަލާއަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ އެއީ ދިވެހި ބިމުގައި ދެވުނު ބޮޑު، ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ކަމަށާއި އެފަދަ ހަމަލާތައް ދީ، ޅަކުދިންގެ ސިކުނޑިތަކުގައި ހަރުކަށި ފިކުރު އަށަގަންނުވަން ސަރުކާރުން ފުރުޞަތު ނުދެއްވާނެކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ޓެރަރިޒަމްގެ ޢަމަލުތައް ކުށްވެރިކުރުމުގެ އިތުރުން ޓެރަރިޒަމް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް އެއްބާރުންދީގެން ރާއްޖެއިން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ދުނިޔޭގެ ލީޑަރުންނަށް އެމަނިކުފާނު ދެއްވިއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް މި ސަރުކާރުން ވަނީ މުހިންމު އިސްލާޙުތަކެއް ގެނެސް، ޓެރަރިޒަމް ހުއްޓުވުމުގެ ކަންކަން އިތުރަށް ހަރުދަނާކުރައްވާފައެވެ.
އދ.ގެ އާންމު މަޖިލީހުގައި ރޭ ރައީސް ތަގުރީރު ކުރައްވާފައިވާއިރު ރައީސްވަނީ ވަރަށް ގިނަ ދާއިރާތަކަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލާއި، ތިމާވެށްޓަށް ލިބޭ ގެއްލުން، އަދި ކޮވިޑް19ގެ އިތުރުން ޓެރަރިޒަމްގެ ނުރައްކަލުގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ. އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވާފައިވަނީ ދިވެހިބަހުންނެވެ.
އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ޖަލްސާތައް ފެށިފައިވާއިރު މި 76ވަނަ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.



