ޅ. ކުރެންދޫގައި އަޅާފައިވާ ޓާފް ދަނޑަށް އުދަ އެރުމުގެ ސަބަބުން ގެއްލުންވެފައި-- ފޮޓޯ: ކުރެންދޫ ކައުންސިލް

އުދަ އަރާ ކުރެންދޫ ފުޓުބޯޅަ ދަނޑު ބޭނުންނުކުރެވޭ ވަަރަށް ހަލާކުވެފައި!

އިއްޔެ ރާއްޖެއަށް ކުރި ވިއްސާރައިގައި ޅ. ކުރެންދޫއަށް އުދަ އެރުމުގެ ސަބަބުން އެ ރަށުގެ ބޮޑު ޓާފު ފުޓުބޯޅަ ދަނޑު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެއްޖެއެވެ.

އިއްޔެ ކުރެންދޫއަށް ބޯކޮށް ވާރޭ ނުވެހުނުނަމަވެސް، އެރަށަށް ވަނީ ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފައެވެ. އެގޮތުން އުދަ އަރާ ވީ ޓާފު އަޅައިގެން ހަދާފައި އޮތް ފުޓުބޯޅަ ދަނޑުގެ ވަށާފާރުންް ވެއްޓި، މުޅި ދަނޑުގައި އޮތީ ވެއްޔާއި ގަލެވެ. މީގެ އިތުރުން އިއްޔެ އެ ރަށުގެ ބައެއް ގެތަކަށްވެސް ވަނީ އުދައިގެ އަސަރުކޮށް ފެން ވަދެފައެވެ. އަދި މަގުތަކުގައި ވަނީ ފެންހެދިފައެވެ.

ކުރެންދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި، އެރަށް އުދައިގެ އަސަރު ބޮޑަށް ކޮށްފައިވަނީ އިއްޔެ ފަތިހުން ފެށިގެންނެވެ.

ޔޫތު މިނިސްޓްރީގެ އެހީއާއެކު ރައްޔިތުންގެ އަމިއްލަ މަސައްކަތުން އެ ރަށުގައި ތަރައްޤީކުރި ޓާފު ފުޓުބޯޅަ ދަނޑު ބޭނުންނުކުރެވޭ ވަރަށް ހަލާކުވުމުން ރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް ކުރެންދޫ ކައުންސިލުން ވިދާޅުވިއެވެ.

ޅ. ކުރެންދޫގައި އަޅާފައިވާ ޓާފް ދަނޑަށް އުދަ އެރުމުގެ ސަބަބުން ގެއްލުންވެފައި-- ފޮޓޯ: ކުރެންދޫ ކައުންސިލް

ކުރެންދޫ ކައުންސިލުން ލަފާކުރި ގޮތުގައި އެ ރަށުގެ ރައްޔިތުންގެ އަމިއްލަ މަސައްކަތުން ހެދި މި ފުޓުބޯޅަ ދަނޑަށް ލިބުނު ގެއްލުމުގެ އަދަދު ހަތަރު މިލިއަން ރުފިޔާއާއި ގާތްކުރާނެއެވެ. ކައުންސިލުން ވިދާޅުވީ، ދަނޑަށް ލިބުނު ގެއްލުމަށް ހައްލެއް ހޯދުމަށް ސަރުކާރުގެ އިދާރާތަކާއި ޑިޒާސްޓާ ސެންޓަރާ މަޝްވަރާކުރަމުންދާ ކަމަށެވެ.

ކުރެންދޫއަށް މީގެ ކުރިންވެސް އުދައިގެ އަސަރު ވިއްސާރަ މޫސުންތަކުގައި ކުރިނަމަވެސް، ފަހުގެ ތާރީހެއްގައި މިހާ ބޮޑަށް އުދައިގެ އަސަރުކުރި އެ ރަށަށް ކޮށްފައިވަނީ އިއްޔެ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

އިއްޔެ ކުރެންދޫއަށް އުދަ އަރައި ރަށު ތެރޭ ފެންބޮޑުވުމުން އެމްއެންޑީއެފާއި އެ ރަށު ރައްޔިތުން ވެގެން ވަނީ ހިއްކުމުގެ މަސައްކަތްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ