ސަރުކާރުގެ މައި ޕާޓީ އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އެތެރޭގެ އިންތިހާބުގެ ވޯޓުލުން އިއްޔެ ވަނީ ނިއްމާލައިފައެވެ. ދެބައިވެފައިވާ އެމްޑީޕީގެ މި ބޮޑު އިންތިހާބަކީ ހަޤީގަތުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިމަތިލުމެކެވެ. އެއާއެކު ވާދަވެރިކޮށް ކުރިއަށް ދިޔަ އެމްޑީޕީގެ މި އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު އޮތް ކެންޑިޑޭޓުންނެވެ.
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީގެ އެންމެ އިސް ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހުގެ 97 ގޮނޑީގެ ތެރެއިން 66 ގޮނޑި ރައީސް ސޯލިހްގެ ފެކްޝަނުން ވަނީ ނަގައިފައެވެ. ނަޝީދު ފެކްޝަން އަށް ލިބިފައި ވަނީ 33 ގޮނޑިއެވެ.
މީގެ އިތުރުން ވޯޓަކަށް ނުގޮސް އިންތިހާބުވި ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހްގެ ފެކްޝަނަށް 100 އަށް ވުރެ ގިނަ މެންބަރުންނަކީ ރައީސް ސޯލިހަށް ތާއިދުކުރައްވާ ބޭފުޅުންނެވެ. ވޯޓަކަށް ނުގޮސް އިންތިހާބުވި ކެންޑިޑޭޓުންގެ ތެރޭގައި ވަޒީރުންނާއި މަޖިލިހުގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.
މި އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ކެނޑިޑޭޓުންގެ ވައުދު ފުޅަކީ ބަރުލަމާނީ ނިޒާމް ގެންނަން މަސައްކަތް ކުރުމެވެ. އަދި ރައީސް ސޯލިހްގެ ފެކްޝަނުން ނިކުމެވަޑައިގަންނަވާ ކެނޑިޑޭޓުންގެ ވައުދަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރުމެވެ.
އެމްޑީޕީ ދާއިރާތަކުގެ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި މިނިސްޓަރު އިބްރާހިމް އަމީރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ފަދަ ރައީސް ސޯލިހްގެ އެންމެ އަރިސް ބޭފުޅުން ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސްގެ ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި މި ވަގުތު ސަސްޕެންޝަނުގައި ހުންނެވި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފުވެސް ބޮޑު ތަފާތަކުން ގޮނޑި ކާމިޔާބުކުރެއްވިއެވެ.
މިނިސްޓަރު ފައްޔާޒު ވާދަކުރެއްވީ ގަމު ދާއިރާއަށެވެ. ފައްޔާޒް އިންތިހާބުވެފައި ވަނީ އެ ދާއިރާއަށް ވާދަކުރެއްވި ޢަލީ އިބްރާހީމާއި އިސްމާއިލް ޒަކީއާ ވާދަކޮށެވެ. އަދި އަމީރު ވާދަކުރެއްވީ މެދު ދެކުނު ޕްރޮވިސްގެ ރައީސްގެ މަގާމަށެވެ. އަދި ބިގޭ ވާދަކުރެއްވީ އަލިފުށީ ދާއިރާއަށެވެ.ރައީސް ސޯލިހްގެ ޅިޔަނެއް ކަމަށްވާ ބިގޭ މި އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު (ހަސަންޓޭ)އާ ވާދަކޮށެވެ. އަދި މިނިސްޓަރ މަހްލޫފް ވާދަކުރެއްވީ މެދު އުތުރު ޕްރޮވިންސް އިންނެވެ. މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، މަހްލޫފްއާ އެންމެ ގާތުން ވާދަކުރައްވަނީ ޝާހީނެވެ.
މީގެ އިތުރުން ކުންފުނިތަކުގައި ތިއްބެވި ބޭފުޅުންވެސް ވަނީ އިންތިހާބުން ކާމިޔާބު ހޯއްދަވާފައެވެ. އެސްޓީއޯގެ އެމްޑީ ހުސައިން އަމްރާއި ފެނަކައިގެ އެމްޑީ އަހުމަދު ސައީދު އަދި އާރުޑީސީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) ގެ ކާމިޔާބީ ވެސް ރައީސްގެ ފަޅިން ފާހަގަކުރެވެ އެވެ.
އިންތިހާބުގައި އެންމެ ހައިރާންކުރަވިނިވި ނަތީޖާއަކަށް ފެނުނީ، މާލޭ ދާއިރާއަށް ކުތިމަތިލެއްވި ކެނޑިޑޭޓް، ކުރީގެ މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު އިންތިހާބު ކާމިޔާބު ކުރެއްވުމެވެ. ސިފާއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ. މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު އިންތިހާބު ވެފައި ވަނީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި ވާދަކުރައްވައިގެންނެވެ. އަކްރަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ އިސްބޭފުޅެކެވެ.
ފާއިތުވި ދުވަސްތަކުގައި ރައީސް ނަޝީދު އާއި ރައީސް ސޯލިހް އާއި ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރިއިރު، މި ސަރުކާރާއެކު ސިޔާސީ ގޮތުން ދެން މަސައްކަތް ނުކުރައްވާނެ ކަން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމް ބަދަލުކުރުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާއިރު، އެކަމަށް ރައީސް ސޯލިހް ތާއިދެއް ނުކުރައްވައެވެ. މީގެ އިތުރުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ރައީސް ސޯލިހް ރާއްޖޭގެ އަތޮޅު ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމުގައިވެސް ވަނީ ހާމަކުރައްވާފައެވެ.
2 Responses
97 gonDin 66gondikundeemai 33 gondi baakee othee kongothakah hisaabujahaigen
ވާނުވާއަށް މިހާރު ހުންނާނީ އެއްޗެއް ވިސްނުފަ.
ރާކަނި ކެވިއްޖެއްނުން.