މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން 17 މީހުންނާއެކު ދަތުރުކުރި ސަފާރީ ދިޔަވެ، އަޑިއަށް ގޮސްފިކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
"ކޭންޑީ ކުރޫޒަރ" ނަމަކަށް ކިޔާ ސަފާރީއެއް ކ.ތިލަފުށި ހުޅަނގު ދެކުނުން 4 ނޯޓިކަލް މެއިލު ބޭރުން ދިޔަވެގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން މިއަދު ވަނީ އެހީތެރިކަން ފޯރުކޮށްފީފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ސަފާރީ މިހާރު އަޑިއަށްގޮސްފައިވާ ކަމަށެވެ. އަދި ސަފާރީގައި ތިބި 17 މީހުން މާލެ ގެނެވިފައިވާ ކަމަށެވެ. ނަމަވެސް އެތަނުން 6 މީހެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ދިނެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެ ޙާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ހެނދުނު 8:39 ހާއިރުކަމަށެވެ.
ރާއްޖޭގެ މޫސުން ގޯސްވެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން، މިއަދު ވަނީ މެދުރާއްޖޭގެ އަތޮޅުތަކަށް އޮރެންޖް އެލާޓްވެސް ނެރެފިއެވެ. އެލާޓް ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. އަދި ރާއްޖޭގެ އުތުރަށް މިއަދު މީގެ ކުރިން ނެރުނު ޔެލޯ އެލާޓްގެ ވަގުތު މެޓް އޮފީހުން މިހާރު ވަނީ ހަވީރު 16:30 އާއި ހަމައަށް އިތުރުކޮށްފައެވެ. އެއީ ހއ. އަތޮޅުން ތ. އަތޮޅަށެވެ.
މިއަދުގެ ކުރިއަށް އޮތް ވަގުތުތަކުގައިވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އާއި މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ކަނޑުމަތީގެ އެކި ހާދިސާތައް އެ އިދާރާއަށް މިއަދު ރިޕޯޓުކުރަމުން އަންނަ ކަމަށެވެ.



