އޭސީސީގެ ރައީސް ހަސަން ލުތުފީ - ފޮޓޯ: ސަން

އޭސީސީގެ ރައީސް ލުތުފީ މަގާމުން ވަކިކުރުމަށް ހުށަހަޅައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސްގެ މަގާމުން ހަސަން ލުތުފީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް އޭސީސީ މެންބަރުން ހާޒިރުކޮށް، މެންބަރުންގެ ހާޒިރުގައި އެ ކޮމިޝަނުގެ ރައީސް ލުތުފީ މަގާމުން ވަކިކުރަން ވެލިދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ޝަފީގު ކޮމިޓީ އަށް ހުށަހެޅުއްވި ހުށަހެޅުމަށް ތާއީދުކުރެއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ.

ލުތުފީ މަގާމުގައި ހުންނަވައިގެން މަސައްކަތަށް ނުނިކުންނަވާތާ މިހާރު ތިން މަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް އޭސީސީގެ މެމްބަރުން ހާޒިރުކޮށް، ސުވާލުކުރަން ލިބުނު ފުރުސަތުގައި އެ ކޮމިޓީގެ ގިނަ މެމްބަރުން ވަނީ ލުތުފީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.

އޭސީސީ މެމްބަރުންގެ ފަރާތުން ޖަވާބު ދެއްވަމުން ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ، މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ކޮމިޝަންގެ އެއްވެސް ބައްދަލުވުމަކަށް ވަޑައިނުގަންނަވާ އިރު އޭނާގެ ޚަބަރެއް ވެސް ނުވާ ކަމަށެވެ. އަދި ލުތުފީ ވީ ތަނެއް ކޮމިޝަންގެ މެމްބަރުންނަށް އެނގިވަޑައިނުގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮފީހަށް ވަޑައިނުގެން ލުތުފީ މުސާރަ ނަންގަވާ މައްސަލައިގައި ކޮމިޝަންގެ މެމްބަރުން މަޝްވަރާ ކުރެއްވި ކަމަށާއި، ނަމަވެސް ގާނޫނުގައިވާ ގޮތުން އެ ކޮމިޝަނަށް އެއްވެސް ފިޔަވަޅެއް އެޅެން ނެތް ކަމަށް މުއައްވިޒް ވިދާޅުވި އެވެ.

"ގާނޫނުގައި ސާފުކޮށް އެބަ ބުނޭ ކޮމިޝަންގެ މެމްބަރެއްގެ މުސާރަ ނުވަތަ އިނާޔަތެއް ވެސް އުންޏެއް ނުކުރެވޭނެއޭ،" މުއައްވިޒް ވިދާޅުވި އެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ރަސްމީ ޗުއްޓީއެއް ނެންގެވުމަށް ފަހު، އޮފީހަށް ވަޑައިނުގަންނަވާ އިރު އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް