ރާއްޖޭގެ ދީނީ މިނިވަންކަން ދިނުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލި މައްސަލަ މަޖިލީހުގެ އިދާރާއިން ބަލަން ފަށައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެއްކާ ބެހޭ ބިލަށް ބަހުސްކުރައްވަމުން ޖާބިރު ބުނީ، އެހެންދީންތަކުގެ މީހުންނަށް ރާއްޖޭގައި އައިސް އަޅުކަން ކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ. ޖާބިރުގެ ވާހަކައިގައި ބުނީ، ރާއްޖޭގައިެވސް ދީނީ މިިނިވަން ކަމުގައި "ޔުނިވާސަލް ޕްރެކްޓިސް" އެއް ގެންގުޅެން ޖެހޭކަމަށެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މީޑިއާތަކަށް ވިދާޅުވީ، ޖާބިރު ދެއްކެވި ވާހަކަތައް މަޖިލީހުގެ އިދާރާއިން ބަލަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ޖާބީރު ގެ ވާހަކައިގައި މިއަދު ބުނީ، "ޝަރީއާ ތަހުޒީބު، ގުރުއާން ތަހުޒީބު. ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅާއެކު އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނުއެއް ނެތް. އެންމެން ނަމާދު ކުރޭ. އެހެން ދީންތަކަށް މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް، 'لَكُمْ دِينُكُمْ وَلِيَ دِينِ' މިގައުމުގައި އުފައްދަން އެބަ ޖެހޭ. މާނައަކީ، އެހެން ދީންތަކުގެ މީހުންނަށް އައިސް ނަމާދުކޮށް މިތާގައި އުޅެވެން ވާނެ އޭ. މި ރާއްޖެ މިއީ "ޔުނިވާސަލް ޕްރެކްޓިސްއެއް" އޮންނަން ޖެހޭ،" ކަމަށެވެ.
މިއީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ރައްޔިތުން މަޖިލީހުގެ މެންބަރަކު ގޮވާލި ފުރަތަމަ ފަހަރެވެ.
ޖާބިރުގެ އަޙްލާޤީ އެތައް މައްސަލައެއް މިފަހަކަށް އައިސް އަންނަނީ ފެންމަތިވަމުންނެވެ. އަދި ޖާބިރުގެ އުޅުމާއި، އަމަލުތަކަށް މިފަހަކަށް އައިސް ނޭދެވޭ ބޮޑު ބަދަލުތަކެއް އައިސްފައިވާއިރު، ޖާބިރު ހަޑިހުތުރު ބަހުން މުއާމަލާތް ކުރާ މަންޒަރުވެސް ފެނިގެންގޮސްފައިވެއެވެ.