އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން - ފޮޓޯ: ރާއްޖެ.އެމްވީ

އުއްތަމަފަނޑިޔާރުގެ ރައްކާތެރި ކަމަށް ފަރުވާކުޑަ ނުކުރަން އިދިކޮޅުން ގޮވާލައިފި

ދައުލަތުގެ 3 ބާރުގެ ތެރެއިން ޢަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރު ކަމުގައިވާ ދައުލަތުގެ އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާއަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގައި ފަރުވާ ކުޑަ ނުކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ޕާޓީ، ޕީޕީއެމް/ޕީއެންސީ އިން ގޮވާލައިފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހްމަދު މުޢުތަޞިމް ޢަދްނާން ދިރިއުޅުއްވާ ގެކޮޅަށް ގެކޮޅުގެ ސެކިޔުރިޓީ ކެމެރާތައް ހަލާކުކޮށް ސެކިޔުރިޓީ ފޫއަޅުވާލާ އެގެއަށް ވަންނުމަށް މިހަކު މަސައްކަތްކޮށްފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މިކަން ކުށްވެރިކޮށް އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ، އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅު ފޫއަޅުވާލާ އެގެއަށް ވަނުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ލިބިގެން ދިޔުމަކީ އެކޯލިޝަނުން އިންތިހާއަށް ކަނބޮޑުވާ ކަމެއްކަމަށެޗެ.

"..އެފަދަ ފުރުޞަތެއް އެއްވެސް ފަރާތަކަށް ލިބިގެން ގޮސްފައިވާނީ، އެމަނިކުފާނަށް ދައުލަތުން ދެމުން ގެންދާ ސަލާމަތާއި ރައްކާތެރި ކަމުގައި އިހުމާލުވެ، ދޭންޖެހޭ ސަމާލުކަން ނުދެވި، ފަރުވާ ކުޑަވުމުގެ ސަބަބުންކަމުގައި މިކޯލިޝަނުން ދެކެމެވެ." ބަޔާނުގައިވެއެވެ. އަދި އުއްތަމަ އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާއަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގައި ފަރުވާ ކުޑަ ނުކުރުމަށް ގޮވާލައިފައިވެއެވެ.

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަން މައްސަލަ ފެންމަތިވުމާއެކު އެ މައްސަލަ ތަހުޤީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ހާމައެއްނުކުރެއެވެ.

އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް ދައުލަތުން ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމައިފއިވަނީ، މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދުގެ ކާރުކޮޅު ގޮއްވަލާ އެމަނިކުފާނަށް ދިން ހަމަލާއާއި ގުޅިގެންނެވެ.

ރައީސްގެ އެންގެވުމާ އެއްގޮތަށް އުއްތަމަ ފަޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާނެ ތަނަކާއި އެ ބޭފުޅުންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު މިހާރު ވަނީ އިސްލާހުކޮށްފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އުއްތަމަ ފަނޑިޔާރަށް ހަމަޖައްސައިދޭ ވަގުތީ ތަން ދެ ހަފްތާތެރޭ ނިމޭނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ