ފޮޓޯ: މޯލްޑިވްސް ޓުޑޭ

ރައީސް ޔާމީން އަވަހާރަ ކޮށްލަން ގޮވާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ގޮވާލާ ސޯޝަލް މީޑިއާގައި ކޮމެންޓް ކުރި މީހާގެ މައްސަލަ އިދިކޮޅު ކޯލިޝަނުން ފުލުހަށް ހުށަހަޅައިފިއެވެ.

ރައީސް ޔާމީން އަވަހާރަކޮށްލަން ގޮވީ އަބްދުލްހަމީދުގެ ނަމުގައި ފޭސްބުކްގައި ހަދާފައިވާ އެކައުންޓަކުންނެވެ. އެގޮތުން ޔާމީން އާއި ގުޅޭގޮތުން އެހެންމީހަކު ފޭސްބުކްގައި ހިއްސާކުރި ޕޯސްޓަކަށް ކޮމެންޓްކޮށް އޭނާ ބުނީ، "ޔާމީނަކީ މަރަންޖެހޭ މީހެއް" ކަމަށެވެ.

މި މައްސަލަ ފެންމަތިވުމާއެކު އިދިކޮޅު ކޯލިޝަން ޕާޓީން ވަނީ މި މައްސަލަ ފުލުހަށް ހުށަހަޅައިފައެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް މިއަދު ބުނީ، ޕާޓީގެ ފަރާތުން އެ މައްސަލަ ބަލާ ތަހުޤީގުކޮށް ފިޔަވަޅު އެޅުމަށް ބުނެ ސިޓީ މިއަދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

""ސިޓީ ހުށަހަޅައިފައި ވާނީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ފޭސްބުކްގައި އަބްދުލް ހަމީދު ކިޔާ މީހަކު ލިޔެފައިވާ ލިޔުމުގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށާއި ރައީސް ޔާމީނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެދި" ތޮލާލް ބުންޏެވެ.

ގާނޫނު ބުނާ ގޮތުން ޓެރަރިޒަމްގެ ޢަމަލެއް ހިންގާނެކަމުގެ އިންޒާރުދިނުމަކީ ނުވަތަ ޓެރަރިޒަމްގެ ޢަމަލެއް ހިންގަފާނެކަމުގެ ބިރުދެއްކުމަކީ ހަތަރު އަހަރު ދުވަހާއި ހައަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ. މީހަކަށް މަރުގެ އިންޒާރު ދިނުމަކީ ވެސް ހަމަސް ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ކުށެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ