އަދާލަތު ޕާޓީގައި ޓެރަރިސްޓަކު ނުހުންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ، އަދާލަތު ޕާޓީގައި ނިރުބަވެރިކަމަށް ހިތްވަރުދޭ ބަޔަކު ތިބިތޯ އާއި ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އެ ފަރާތަތްތަކަށް ފިޔަވަޅު ނާޅަނީ ކީއްވެގެންތޯ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިނިސްޓަރަށް ސުވާލުކުރެއްވުމުންނެވެ.
މި ސުވާލަށް ޖަބާވުދެއްވަމުން މިނިސްޓަރ ވިދާޅުވީ، އަދާލަތު ޕާޓީގައި ނިރުބަވެރިކަމަށް އަދި ހަރުކަށި ފިކުރަށް ހިތްވަރުދޭ އެއްވެސް ބަޔަކު ނުތިބޭކަމަށާއި އަދި އެފަދަ މީހުންނަށް އެ ޕާޓީން ޔާގައެއް ނުދޭނެކަމަށެވެ.
"ޓެރަރިޒަމް މަނާ ކުރާ ގާނޫނޫގެ ދަށުން އެމީހަކާ މެދު ފިޔަވަޅު އަޅަން ޖެހޭ އެއްވެސް މީހަކު އަދާލަތުގައި ބަހައްޓައިހެން ނުތިބޭނަން. ޓެރަރިޒމްގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ޖެހޭ މީހަކު އަދާލަތަކު ނުހުންނާނެ" އިމްރާން ވިދާޅުވިއެވެ.
އިމްރާން މިފަދައިން ޖަވާބުދެއްވުމުން، މަޖިލީހުގެ ރައީސް އިވާ ވިދާޅުވީ ޖާބިރުގެ ސުވާލު އަމާޒުކުރެއްވީ އަދާލަތު ޕާޓީގެ ލީޑަރާ ނޫން ކަމަށާއި، އެ ސުވާލަށް އިމްރާން ޖަވާބު ދެއްވަން ޖެހޭނީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަދާލަތު ޕާޓީގެ ރައީސަކާއި ނުވަތަ މެމްބަރަކާއި ސުވާލު ކުރުމުގެ އުސޫލެއް ކަނޑައެޅިފައެއް ނުވާނެކަމަށެވެ.
މިނިސްޓަރ މިއަދު މަޖިލީހަށް ހާޒިރު ވެފައިވަނީ، ފުލުހުންގެ އާ ޤާނޫނުގެ ދަށުން ފުލުހުންގެ އިސް މަޤާމުތަކުގައި ތިއްބެވި 7 އޮފިސަރަކު ވަކިކުރީ އިންސާފުންތޯ އާއި އަދި މިކަމުގައި ކިހާވަރެއްގެ ސިޔާސީ ނުފޫޒެއް ފޯރުވައިފައިވޭ ތޯ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބުދެއްވުމަށެވެ.



