އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވަން 20 އެމްބިއުލަން މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
މިއީ ސަރުކާރުން އަތޮޅު ތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ގެނަ އެމްބިއުލަންސްތަކެކެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން މިހާރު 20 އެމްބިއުލަންސް ގެނެސްފައިވާ ކަމަށާއި، އަދި ކުރިއަށް އޮތް އެއްމަސް ދުވަސްތެރޭގައި އިތުރު 20 އެމްބިއުލަން ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރަށްތަކަށް ބޭނުންވާ 60 އެމްބިއުލަންސް ރާއްޖެ ގަނައުންކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
އެސްޓީއޯއާއެކު މިއަހަރުގެ ޖޫން 10 ގައި ވި އެއްބަސްވުމުގެ ދަށުން 180 ދުވަހުގެ ތެރޭގައި 96 އެމްބިއުލާންސް ރާއްޖެ ގެނެސް ހެލްތު މިނިސްޓްރީއާ ހަވާލުކުރަންޖެހެއެވެ.
ރާއްޖޭގެ އަތޮޅުތަކުގެ ބައެއް ރަށްރަށުގައި އެމްބިއުލަންސް ހަލާކުވެ، އެމްބިއުލެންސް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލަތަކެއް މިފަހަކުން ފެންމަތިވިއެވެ.




