ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފާ މީހުން ޖޫރިމަނާކުރަނީ

ހިމާޔަތް ކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަނިޔާކުރާ މީހުންނާއިމެދު ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ހެނިހެން އަހަރުތަކެއް ފަދައިން މިއަހަރުގެވެސް މި ދުވަސްވަރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކު ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެކެވެ. މިގޮތަށް ހިޖުރަކުރާ ދޫންޏަކީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު"ގެ ދަށުން ހެދިފައިވާ ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫންޏެވެ.

ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުންދާކަމަށް އީޕީއޭ އިން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެ އޭޖެންސީން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފުޓްބޯޅަ ދަނޑުތަކުގައިއާއި، ހާމައަށް ހުންނަ ބިންތަކުގައާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބެމުންދާކަމަށެވެ.

އީޕީއޭ އިން ވިދާޅުވީ، މިމޫސުމުގައި ރާއްޖެއަށް ގިނަ އަދަދަކަށް ޒިޔާރަތްކުރާ ދޮންދޫންޏާއި ދޮންދޫނިލޯފިނދާއި މި ބާވަތުގެ ހުރިހާ ސޫތްޕަކީވެސް މަދިރި ކޮންޓްރޯލުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ، އަދި މަދިރީގެ ސަބަބުން ޖެހޭ އެކި ބާވަތްތަކުގެ ބަލިތަކުން ސަލާމަތްކޮށް ދުރުކޮށްދިނުމުގައި އިސް ރޯލެއް އަދާކުރާ ދިރުންތަކެއްކަމުގައިވަނީ ފާހަގަވެފައެވެ.

އެހެންކަމުން މިދަނޑިވަޅުގައި، މިބާވަތުގެ ހުރިހާ ސޫތްޕެއް ހިފުމާއި، އެއަށް ގޯނާކުރުމުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް އީޕީއޭ އިން އިލްތިމާސްކުރެއެވެ. އަދި މިގޮތަށް ދިރޭ ތަކެއްޗަށް ގޯނާދޭ ފަރާތްތައް، ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާކުރާނެ ކަމަށްވެސް އީޕީއޭ އިން ވިދާޅުވިއެވެ.

 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ