ތިމާވެއްޓާއި ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ނަން، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ބަދަލުކުރައްވައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.
ރައީސް އޮފީހުން މިކަމާ ގުޅޭގޮތުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، މި ބަދަލު ގެނެސްފައިވަނީ އީޕީއޭއިން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތިމާވެށްޓާ ބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތައް ކަމަށްވާތީ، އެ އިދާރާގެ މަސައްކަތްތަކާ ގުޅޭ ނަމެއް ހަމަޖެއްސެވުމަށާއި، މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގައި ކަމަށެވެ.
މި ބަދަލާއެކު، މިހާތަނަށް ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގި އިދާރާއެއްގެ ގޮތުގައި އޮތް ހައިސިއްޔަތު ބަދަލުވެ، އެއީ ސީދާ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ހަމަޖެހިފައެވެ.
އީޕީއޭ އުފެދިފައިވަނީ 18 ޑިސެންބަރު 2008 ގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ. އަދި 2012 ވަނަ އަހަރުގެ މެއި މަހުން ފެށިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާ ގުޅިފައިވާ އަމިއްލަ ހައިސިއްޔަތު ލިބިގެންވާ ރެގިއުލޭޓަރީ އިދާރާއެއްގެ ގޮތުގައި ހިނގަމުން އައިސްފައިވެއެވެ.



