އެމްއެމްޕީއާރުސީ ހިޔާނުތުގެ މައްސަލައާ ގުޅިގެން ސަސްޕެންޝަންގައި ހުންނެވި ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ ސަސްޕެންޝަން ރައީސް އޮފީހުން އުވާލައިފިއެވެ.
ރައީސް އޮފީހުން މަހުލޫފުގެ ސަސްޕެންޝަން ނިމުމަކަށް ގެންނަން އަންގައިފައިވަނީ މަހްލޫފްގެ މައްޗަށް ކުރި ދައުވާއާ ގުޅިގެން ގޮތެއް ނުނިންމާ ހަތަރު މަސްވުމުންނެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް ކުރަން މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހު އޭސީސީއިން ޕީޖީ އޮފީހަށް ވަނީ ފޮނުވައިފައެވެ. ނަމަވެސް މި މައްސަލައިގައި ޕީޖީން އަދިވެސް ގޮތެއް ނުނިއްމާ، މައްސަލަ ދިގުލައިފައިވާއިރު، މަހްލޫފް ސަސްޕެންޝަންގައި ހުންނަތާ ވަނީ ހަތަރުމަސްވެފައެވެ.
މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މައްސަލަ ފޮނުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.
ސަސްޕެންޝަންގައި ހުންނަވައި, މިނިސްޓަރު މަހުލޫފް ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައިވެސް ވާދަ ކުރައްވައި ކާމިޔާބު ހޯދައިފައެވެ. ސަސްޕެންޝަންގައި ހުންނެވުމާއި އަދި އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުވާ ކޮށްފައިވާތީވެ، އެމަނިކުފާނަށް މި އިންތިހާބުގައި ބައިވެރިވެވުނީ ވަރަށް ހަނި ފުރުސަތަކުންނެވެ.
ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ މީހުންގެ ލިސްޓުގައި މިނިސްޓަރު މަހުލޫފުގެ ނަންވެސް ހިމެނެއެވެ.
އެސީސީން ބުނީ، މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަން އެނގޭ ކަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
މި ތުހުމަތުތައް މަހްލޫފް ވަނީ ތަކުރާރުކޮށް ދޮގުކުރައްވައިފައެވެ. އެގޮތުން މަހްލޫފް ވިދާޅުވީ، އޭނަގެ މައްޗަށް ކުރަން ފޮނުވާފައިވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ.