ނިޔާވި ރައުޝަން ޖިއާން

ޖިއާންގެ އާއިލާއަށް ބަދަލުދޭން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްގެ ކުއްޖެއް ކަމަށްވާ އުމުރުން ހަތް އަހަރުގެ ރައުޝަން ޖިއާން ނިޔާވި މައްސަލައިގައި ޑަބްލިއު ކޮންސްޓްރަކްޝަނުން އެ އާއިލާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް އެ ކުންފުނިން ހައިކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

ޑަބްލިއު ކޮންސްޓްރަކްޝަނަށް މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް ކަމުނުދިއުމުން، އެ ހުކުމް އިސްތިއުނާފް ކުރުމަށް އެދި ހައި ކޯޓަށް ހުށަހަޅާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

2018 ވަނަ އަހަރު ހިނގި މި ހާދިސާގައި އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާތަކަކީ، ޑަބްލިއު ކޮންސްޓްރަކްޝަނުން މ. ނަލަހިޔާ ކައިރީގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާތަކެކެވެ. އާންގެ މަރުގެ މައްސަލައާއި ގުޅިގެން އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ 17.4 މިލިއަން ރުފިޔާގެ ބަދަލު ނަގައިދިނުމަށެވެ. ނަމަވެސް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ވަކާލާތުކުރި މި މައްސަލަގާއި އާއިލާއިން އެދުނު އަދަދު ލިބިފައެއް ނުވެއެވެ.

އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، ބަދަލެއްގެ ގޮތުގައި ނަގައިދެވޭނީ 4.5 މިލިއަން ރުފިޔާ ކަމަށެވެ.

މި މައްސަލައިގައި ޕީއައިއެލްސީއިން އޭރު ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ ޖިއާން މަރުވެފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއްގެ ރަސްމީ މަސައްކަތުގެ ތެރެއިން ކުރި ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން ކަމަށް ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ. ނަމަވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި 17.4 މިލިއަން ރުފިޔާގެ ތެރެއިން ނަގައިދެވޭނެ ބަދަލަކީ 4.2 މިލިއަން ރުފިޔާކަމަށް ޝަރީއަތުން ނިންމައިފައި ވީނަމަވެސް،  ކޯޓުން އެގޮތަށް ހުކުމްކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ޕީއައިއެލްސީއިން ބުންޏެވެ.

އެހެންކަމުން ހުކުމުގެ އެ ބައި ހައިކޯޓުގައި އިސްތިއުނާފް ކުރަން އާއިލާގެ ފަރާތުން ބޭނުންނަމަ އިސްތިއުނާފް ކުރާނެ ކަމަށް ޕީއައިއެލްސީއިން އޭރު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

2018 ވަނަ އަހަރު ޑިސެމްބަރު މަހު ހިނގި އެ ހާދިސާގައި ޖިއާން މަރުވި މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގާއި ހާދިސާ ހިނގި ސައިޓްގެ ސްޕަވައިޒަރު މޫސާ ހަސަން އަދި އެ ތަނުގައި އެ ވަގުތު މަސައްކަތް ކުރަމުން ދިޔަ ހަތަރު ބިދޭސީންގެ މައްޗަށެވެ.

އޭގެ ތެރެއިން ޝަފީގް ނޫން ހުރިހާ އެންމެންގެ މައްޗަށް ވަނީ ދައުވާ ސާބިތުވެފައެވެ. 4 ބިދޭސީންގެ ތެރެއިން 2 މީހަކަށް ޖަލުގެ ހުކުމެއްވެސް އައިސްފައިވެއެވެ. އަދި އަނެއް ދެ ބިދޭސީން 7200 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ. ސްޕަވައިޒަރު މޫސާ ހަސަން ވެސް ވަނީ 115،200ރ. އިްނ ޖޫރިނަމާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ