ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނަރަލް)ގެ ފަރާތުން އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައިވީނަމަވެސް، އެ ޕާސްޕޯޓަކީ ކެންސަލް ކޮށްފައި އޮތް ޕާސްޕޯޓަކަށް ވާތީވެ، އަމުރު ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ވިދާޅުވެއްޖެއެވެ.
ނަމަވެސް ހައިކޯޓުން މިއަދު ހުކުމްކޮށްފައިވާ ގޮތުގައި، ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަލީ ވަހީދުގެ އަތުގައި އޮތީ ޑިޕްލޮމެޓިކް ޕާސްޕޯޓް ކަމަށާއި އެއީ މިހާރު ކެންސަލްކޮށްފައިވާ ޕާސްޕޯޓަކަށްވާތީ އެ ހިފަހައްޓަން އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށެވެ.
ކުރީގެ ޓުއިރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނަވާ އަލީ ވަޙީދު އެ މިނިސްޓްރީގެ ބައެއް އަންހެން މުވައްޒަފުންނަށް އެކި ދުވަސް މަތިން ޖިންސީ އަނިޔާކޮށް ޖިންސީ ގޯނާކޯށް ޖިންސީ އަމަލު ހިންފާފައުވާ ކަމަށް ތުހުމަތު ކުރެވޭމައްސަަލައިގައި ކްރިމިނަލް ކޯޓުން ފުރުން މަނާ އަމުރެއް ނެރެފައިވަނިކޮށް ސިއްހީ ކަންތަކާ ގުޅިގެން ކްރިމިނަލް ކޯޓޫން ފުރުން މަނާ އަމުރު ނިމުމަކަށް ގެނެސް 4 މަހުގެ މުއްދަތަށް ބޭސފަރުވާއަށް ރާއްޖެއިން ބޭރަށ ްދިއުމުގެ ހުއްދައިގެ ދަަށުން، ރާއްޖެއިން ބޭރަށް ގޮސް، އެ މުއްދަތު ފަހަނަ އަޅާ ދިޔައިރުވެސް އެނބުރި އައިސްފައި ނުވާތީވެ، މި މައްސަލައަކީ ޝަރީޢަތް ހިނގަމުންދާ މައްސަލައެއް ކަމަށް ވާތީވެ ޝަރީއަތުގެ މަރުހަލާއަށް ހުރަސް އެޅިދާނެ ކަމަށް ފެންނާތީ ޢަލީ ވަޙީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ދިވެހި ފުލުހުންގެ ޙިދުމަތުން ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.
ނަމަވެސް، އަމުރު ނެރެދޭނެ ތަނެއް ނެތް ކަމަށް ކުރިމިނަލް ކޯޓުން އޭރު ނިންމިއެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، އަލީ ވަހީދުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވާ މައްސަލައާއި ގުޅިގެން މައްސަލައިގެ ޝަރީއަތުގެ އަޑު އެހުން ކުރިއަށް ގެންދެވޭއިރު، އޭނަގެ ޕާސްޕޯޓު ހިފެހެއްތޫމުގެ މަޤްސަދެއް އޮތްކަމަށް ނުދެކޭތީއެވެ.
އަމުރު ނެރެދޭނެ ތަނެއް ނެތް ކަމަށް ކުރިމިނަލް ކޯޓުން ނިންމުމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓު އޭރު ނިންމި އެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އެ ނިންމުން ރަނގަޅު ނޫންކަމަށް ބުނެ އެ މައްސަލަ ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފުކުރުމުން, އެ ކޯޓުން ވަނީ ހައިކޯޓަށް އަލުން މައްސަލަ ހުށަހަޅައިފިނަމަ އެ މައްސަލައަކީ ހައިކޯޓުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި, އެކަމަށް އަމުރުކޮށްފަ އެވެ.
ހައިކޯޓުން މިއަދު އިއްވާފައިވާ ހުކުމުގައި ބުނެފައި ވަނީ އަލީ ވަހީދު ރާއްޖެއިން ފުރުމުގެ އެތައް ދުވަހެއް ކުރިން ކެންސަލްކުރެވިފައިވާ ޕާސްޕޯޓެއް ހިފަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށެވެ. އަދި ކެންސަލް ކުރެވިފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމުން ނިކުންނާނެ ޤާނޫނީ ނަތީޖާއެއްވެސް ނެތް ކަމަށެވެ. މީގެ އިތުރުން އަލީ ވަހީދު ރާއްޖެއިން ފުރައިގެން ދިޔައީ އޭނާގެ މައްޗަށް ފުރުން މަނާކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލުކުރުމުން ކަމަށް ހީވި ނަމަވެސް އެ އަމުރުގައި ވަނީ އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓުގެ މައުލޫމާތު ކަމަށެވެ. އެ އަމުރު ނެރުމުގެ ކުރިން އޭނާގެ އެ ޕާސްޕޯޓު އިމްގްރޭޝަނުން ބާތިލްކޮށްފައިވާ ކަމަށް ހުކުމްގައި ވަނީ ބުނެފަ އެވެ.
މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ އަލީ ވަހީދުގެ ޕާސްޕޯޓް ކެންސަލް ކުރަން ދައުލަތުން އެދުނީ މާ ކުރިން ވެސް ކެންސަލްކޮށްފައި އޮތް ޕާސްޕޯޓަކަށް ވާތީ އެ އަމުރު ނެރުމުގެ ބޭނުމެއް ނެތް ކަމުގައެވެ. ނަމަވެސް ދެން ހުރި ފަނޑިޔާރު، އަލީ ސަމީރުގެ ރައުޔުގައިވާ ގޮތުން އަލީ ވަހީދުގެ ޕާސްޕޯޓްތައް ހިފަހައްޓަން އަމުރު ނެރުމުގެ ޖާގަ އެބަ އޮތެވެ.
ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރުއާއި، ފަނޑިޔާރު އަބްދުﷲ ހަމީދުއާއި، ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދުއާއި، ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ބުނެފައިވަނީ، އެހެން ޕާސްޕޯޓެއް ހިފަހައްޓަން ބޭނުންނަމަ ދައުލަތަށް ޖެހޭނީ އެ ކަމެއް ހުށަހަޅަން ކަމަށެވެ.
ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަބްދުالله ހަމީދުގެ ރައުޔުގައި ލިޔުއްވާފައިވާ ގޮތުގައި, ދައުލަތުން ހިފަހައްޓަން އެދޭ ކަމަށް ބުނެ ދީފައިވާ ނަންބަރަކީ އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓުގެ ނަންބަރެވެ. އެ ޕާސްޕޯޓް ވަނީ އޭނާ މިނިސްޓަރު ކަމުން ވަކިކުރުމާއެކު ކެންސަލްކޮށްފަ އެވެ.
"އަލީ ވަހީދު ރާއްޖޭން ފުރުމުގެ އެތައް ދުވަހެއް ކުރިން ކެންސަލްކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތް, އަދި ކެންސަލްކޮށްފައިވާ ޕާސްޕޯޓް ހިފެހެއްޓުމުން ނުކުންނާނެ ގާނޫނީ ނަތީޖާއެއް ވެސް ނެތް," ފަނޑިޔާރު ހަމީދު ލިޔުއްވި އެވެ.
އަލީ ވަހީދު ރާއްޖޭން ފުރައިގެން ދިޔައީ އޯޑިނަރީ ޕާސްޕޯޓްގަ އެވެ. އަދި އަލީ ވަހީދު ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފައިވަނީ ކެންސަލްކޮށްފައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފަހައްޓަން ކުރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރު, އެ ކޯޓުން ބާތިލްކުރުމުގެ ވެސް ކުރީގައި ކަމަށް ހުކުމްގައި ބުނެފައިވެއެވެ.
ފަނޑިޔާރު އަބްދުالله ހަމީދުގެ ރައުޔުގައި ވިދާޅުވެފައި ވަނީ، އެހެންކަމުން އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގައި ދައުލަތާއި އަދި ތަންފީޒު އިދާރާތަކުން އަމަލުކޮށްފައިވާ ގޮތުން. ކަމަކަށް ކަމެއް ކުރީކަމަށް ބެލުުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ދައުލަތުގެ ފަރާތުން ޒިންމާތައް އަދާކުރުމަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ފަރާތްތަކުން އެކަމުގައި ފަރުވާ ކުޑަކޮށް ނަތީޖާއެއް ހާސިލުނުވާނެ މަގުން ކޯޓަށް އައިސް ވަސީލަތްތަކާއި ވަގުތުތައް ބޭކާރު ކުރުމަކީ ކޯޓުގެ މަސައްކަތަށް އެޅޭ ހުރަހެއް ކަމަށެވެ.
ފަނޑިޔާރު އަލީ ސަމީރުގެ ރައުޔުގައި ބަޔާންކޮށްފައި ވަނީ ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުގައި އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓު ނަންބަރު ޖަހާފައި އޮތް ނަމަވެސް އެ ލިޔުމުގައި އޭނާގެ ޓްރެވެލް ޑޮކިއުމެންޓް ހިފެހެއްޓުމަށް ވެސް އެެދިފައިވާ ކަމަށެވެ. ދައުލަތުގެ މި އެދުމުން މަގްސަދަކީ އަލީ ވަހީދު ގައުމުން ބޭރުގައި ދަތުރުފަތުރު ކުރުން ހުއްޓުވައި ރާއްޖެ ގެނައުން ކަމަށާއި، ދައުލަތުން ހައިކޯޓުގައި އެދިފައި ވަނީ ވެސް ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާ މެދު ނިންމި ގޮތަކީ ގާނޫނާ ހިލާފަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމެއްކަން ކަނޑައަޅައި ދިނުން ކަމަށެވެ. އެހެންކަމުން އަލީ ވަހީދަށް ރާއްޖެއިން ދޫކޮށްފައިވާ ހުރިހާ ޕާސްޕޯޓަކާއި ޓްރެވެލް ޑޮކިއުމެންޓެއް ހިފެހެއްޓޭނެ ޖާގަ އޮތް ކަމަށް ފަނޑިޔާރު އަލީ ސަމީރުގެ ރައިޔުގައި ބަޔާންކޮށްފައި ވެއެވެ.
އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ކަމުގެ ހުއްދަ ދިނުމުންނެވެ. ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަލީއަށް ކޯޓުން ދިނީ އޭނާގެ ބަދަލުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ. ނަމަވެސް، އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެ ނާދެ އެވެ.
އަލީ ވަހީދުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮށް އިނގިރޭސިވިލާތުގައި ހުރެގެން އަލީ ވަހީދަށް ބައިވެރިވެވޭ ގޮތަށެވެ. ނަމަވެސް ދައުލަތުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ގާނޫނީ އިހުތިސޯސް ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވިގެން ނުވާނެ އެވެ. އެހެންވެ، އެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް، އެއީ އިސްތިއުނާފު ކުރެވޭނެ ނިންމުމެއް ނޫން ކަމަށް ހައިކޯޓުން ވަނީ ނިންމާފަ އެވެ. އެހެންވެ އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔަ އެވެ.
އެގޮތުން މިދިޔަ މަހުގެ 11 ވަނަ ދުވަހު އޮތް މައްސަލައިގެ ޝަރީއަތަށް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އެންގުމުންވެސް، ޝަރީއަތަށް އަލީ ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ 2 މަސް ދުވަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލުމަށްވެސް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.



