އައްޑޫ ސިޓީގައި ފްލައިން ސްކޫލް ހިންގާނެ ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމުގެ އެއްބަސްވުމުގައި ގައުމީ ޔުނިވާސިޓީ، އެމްއެންޔޫ އާއި، އައިލެންޑް އޭވިއޭޝަން(އައިއޭއެސް) އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އެވެ. އަދި ގައުމީ ޔުނިވާސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ހުސައިން ހަލީމެވެ.
އެމްއެންޔޫ އާއި އައިއޭއެސް އިން އުފައްދާ ޖޮއިންޓް ވެންޗާ ކުންފުނީގެ ދަށުން މިއަހަރުގެ ނިޔަލަށް އެ ސްކޫލުގެ ކިޔެވުން ފެށޭނެ ކަމަށާއި އެ ސްކޫލުގައި ކިޔަވާ ފުރަތަމަ ބެޗުގައި ބައިވެރި ކުރާނީ 30 ކުދިން ކަމަށް ދެ ފަރާތުންވެސް ހާމަކުރިއެވެ. އަދި އަހަރެއްގެ ތެރޭގައި އެ ސްކޫލްގައި 80 ދަރިވަރުންނަށް ކިޔަވާދެވޭނެ ކަމަށް ހާމަކުރެއްވިއެވެ.
އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ހުސައިން ހަލީމް މި ރަސްމިއްޔާތުގައި ފާހަގަކުރެއްވި ގޮތުގައި ކިޔެވުން ފެށާއިރު ބޮޑަށް އިސްކަންދޭނީ މިހާރު ފްލައިޓް ޓްރެއިނިން ހަދަމުންދާ ކުދިންގެ ތެރެއިން ޓްރެއިނިން ނުނިމޭ ކުދިންނަށް ފުރުސަތު ދިނުމަށް ކަމަށެވެ.
މީގެ އިތުރުން ސްކޫލަށް ދަރިވަރުން ވަންނަ ނިސްބަތަށް ބަލާ ކިޔެވުން ފުޅާވަމުންދާ ވަރަކަށް އައިލެންޑް އޭވިއޭޝަންގެ އިތުރު އެއަޕޯޓުތަކަށް އެ ސްކޫލްގެ ހިދުމަތް ފުޅާ ކުރާނެ ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.
ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިން ފްލައިން ސްކޫލް ހިންގުމާ ހަވާލުވީ 2009 ވަނަ އަހަރުއެވެ. ނަމަވެސް މި އެ ކުންފުނިން ފްލައިން ސްކޫލް ހިންގުމުގައި ބޮޑެތި މައްސަލަތަކެއް ދިމާވިއިރު، ކޮވިޑާއި ގުޅިގެން ދަރިވަރުންގެ ކިޔެވުންވެސް އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުނެވެ.
ފަލްއިން ސްކޫލުގެ މައްސަލައަށް ހައްލެއް ނުލިބުނުން އެ ތަނުގައި ކިޔަވާ ދަރިވަރުން ވަނީ އެކި ގޮތްގޮތުން އެ ކަމަށް ހައްލެއް ހޯދޭތޯ މަސައްކަތް ކޮށްފައެވެ. އެގޮތުން އޭއޭއޭ ބޭރުކޮށް، ހައްލެއް ހޯދުމަށް ދަރިވަރުން ވަނީ އެކި ގޮތްގޮތުން މަސައްކަތް ކޮށްފައެވެ. އޭއޭއޭގެ ދޯދިޔާކަމުން އެތާގައި ކިޔެވި އެތައް ކުދިންގެ ކިޔެވުން އަދިވެސް ނުނިމި، ވަނީ ދިގުލައިގެންގޮސްފައެވެ.
އެއާއެކު ފްލައިން ސްކޫލްގެ ހުރިހާ އެސެޓެ ގަނެ، އެ ސްކޫލް ފަހުން ހިންގަން އޭއޭއޭ އާއެކު އެވިޑް ކޮލެޖުންވެސް އެއްބަސްވުމެއް ހެދިނަމަވެސް، އެ އެއްބަސްވުން ފަހުން ވަނީ އުވާލައިފައެވެ.
މި މައްސަލައިގައި ދަރިވަރުންނަށް އަލިމަގެއް ނުފެނި އެތައް ދުވަސްތަކެއް ހޭދަވެގެންދިޔައިރު، ލައިން ސްކޫލުގެ ކިޔެވުން ޑިސެމްބަރު މަހު އަލުން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މި ހިނގާ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ރައީސް ވިދާޅުވީ، އެމްއެންޔޫ އާއި އައިއޭއެސްގެ ޖޮއިންޓް ވެންޗަރ ކުންފުނީގެ ދަށުން ރާއްޖޭގައި ހިންގާ ފަލައިންގ ސްކޫލް ހިންގާނީ ޕްރޮފެޝަނަލް ޔޫރަޕިއަން ފްލައިން ސްކޫލަކުން ކަމުގައެވެ. އަދި، މި ފްލައިން ސްކޫލްގައި ކިޔަވާދިނުމަށް ބޭނުންވާކަންކަން ފުރިހަމަކޮށް ޑިސެންބަރުމަހުގެ ތެރޭގައި ކިޔެވުން ފެށުމުގެ މަސައްކަތްތައް ކުރިޔަށްދާނެކަމުގައި އެމަނިކުފާނު ހާމަކުރައްވާފައިވެއެވެ.
މީގެ އިތުރުން ވެސް ކުދިންނަށް ދިމާވެފައިވާ މާލީ ދަތިތައް ޙައްލުކޮށްދެއްވުމަށް ޓޮޕްއަޕް ލޯން ތަކެއް ދިނުމާއި، މިކަމުގައި އިތުރަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބެއްލެވުމަށްފަހު އެކަންކަން ޙައްލުކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެ ކުރިންވެސް ސަރުކާރުން ވަނީ މި ކޯސް ހަދާ ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ދަރިވަރުން އަނބުރާ ލޯނު ދައްކަންޖެހޭނީ ކޯސް ނިމޭ ތާރީޚުން ފެށިގެން 6 މަސްދުވަސް ފަހުންކަމުގައި ކަނޑައަޅައި، މި ކޯސް ފުރިހަމަ ކުރުމަށް ބައެއް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ "ކިޔަވާ" ލޯންތައް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.




