އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސެސްގައި އައު ފާމަސީ ލެބެއް ހުޅުވައިފި

ފާމަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހެލްތު ސައިންސެސްގައި އައު ފާމަސީ ލެބެއް މިއަދު ހުޅުވައިފިއެވެ.

ފެކަލްޓީ އޮފް ހެލްތު ސައިންސެސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ލެބް ހުޅުވައިދެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރ، ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ. މި ރަސްމިއްޔާތުގައި އެމްއެންޔޫގެ އިސްވެރިންނާއި، ލެކްޗަރަރުންގެ އިތުރުން ފާމަސީ ކިޔަވާ ދަރިވަރުން ބައިވެރިވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝެހެނާޒް ވިދާޅުވީ، "މިއަދު ހުޅުވިގެން މިދިޔަ ފާމަސީ ލެބަކީ، އެމްއެންޔޫގެ ފެކަލްޓީގެ ހެލްތް ސައިންސެސްގައި ފާމަސީ ކިޔަވާ ދަރިވަރުންނަށް ތަޢުލީމީގޮތުން އިތުރު ކުރިއެރުންތަކެއް ލިބުމާއެކު، އެމްއެންޔޫގެ ކޯސްތަކުގެ ތެރެއިން ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅުގަނޑުމެން އަމާޒުހިފާފައިވާ ގޯލަށް ވާސިލްވުމަށް ހުޅުވިގެންދިޔަ އިތުރު ފުރުސަތެއް" ކަމަށެވެ.

އައު ފާމަސީ ލެބް ހުޅުވުމާއެކު، ހެލްތު ސައިންސްގެ ދާއިރާއިން ދިރާސާކުރުމާއި، ތަޢުލީމީގޮތުން އެކި ފުރުޞަތުތައް އެ ޔުނިވަރސިޓީގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް ފަހިވެގެންދާނެކަމަށް ޤައުމީ ޔުނިވަރސިޓީން ފާހަގަކުރެއެވެ.

ރާއްޖޭގައި ދެވޭ މަތީ ތަޢުލީމުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެކި ކުންފުނިތަކާއި، ބައިނަލްއަޤްވާމީ އެކި ޔުނިވަރސިޓީތަކާއެކު އެއްބަސްވުންތައް ޤާއިމުކޮށް ތަޢުލީމީ އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް ދަރިވަރުންނަށާއި، މުވައްޒަފުންނަށް ތަފާތު ފުރުސަތުތައް ހޯދައިދިނުމަށް އެ ޔުނިވަރސިޓީން ދަނީ މަސައްކަތްކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ