45 މޭލަށް ވައިގަދަ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. ގެ އަތޮޅަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު14:30 އިން ހަވީރު 18:30 އާއި ހަމައަށެވެ.
އެ އިދާރާއިން ނެރުނު ޔެލޯ އެލާޓް ގައި ބުނެފައިވަނީ، މި ސަރަހައްދައް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އުތުރަށް މިއަދު ޔެލޯ އެލާޓް ނެރެފައިވާއިރު، މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހަށް، ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފަކާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގަދަވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން އޮތީ ބުނެފައެވެ.
މޫސުން މިގޮތަށް ގޯސްވާ ދުވަސްތަކުގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އަބަދުވެސް އިލްތިމާސްކުރެއެވެ. އަދި ކަނޑު ގަދަ ދުވަސްތަކުގައި ރާއްޖޭގައި ހިތާމަވެރި ހާދިސާތައް ހިނގައިފައި އެބަހުއްޓެވެ.



