ލ. މާވަށަށް އުދައިގެ އަސަރުކޮށްފައި، ފޮޓޯ: މާވަށު ކައުންސިލް

މާދަމައާ ހަމައަށް މޫސުން ގޯސް، އުދައެރުން އެކަށީގެންވޭ: މެޓް

މާދަމާ ހެނދުނު 06:00 އާއި ހަމައަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މާދަމާ ހެނދުނު 06:00 އާއި ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ދެކުނުގެ ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށެވެ.

މެޓް އޮފީހުން ބުނީ، ހުޅަނގު ދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 18 މޭލާއި 28 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުންޏެވެ. އެހެންކަމުން ހާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.

އިއްޔެ އާއި މިއަދުގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ކުރިންވެސް އޮތީ ލަފާކޮށްފައެވެ. އެގޮތުން މިއަދު ހާއްސަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވެ ގަދަވަޔާއެކު ވިއްސާރަކުރަމުން ދެއެވެ. އަދި މިއަދު މުޅި ރާއްޖެތެރެއަށް މެޓް އޮފީހުން އައީ ޔެލޯ އެލާޓް ނެރެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ