ފޮޓޯ: ނިޝާން އަލީ/މިހާރު

މޫސުން ރަނގަޅުނުވެ، މުޅި ރާއްޖެ ޔެލޯ އެލާޓްގައި!

މޫސުމުން ރަނގަޅުނުވެ މުޅި ރާއްޖެއަށް ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު މިރޭ 00:30 އާއި ހަމައަށް ދަމަހައްޓައިފިއެވެ.

މިއަދާއި އިއްޔެ އަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ވަރަށް ގޯސް ދެ ދުވަހެވެ. ހާއްސަކޮށް މިއަދު ރާއްޖެއަށް ގަދަ ވަޔާއެކު ވިއްސާރަކުރަމުންދާއިރު، ކަނޑުމަތީގެ ނުރައްކާތެރި، އަދި ހިތާމަވެރި ދެ ހާދިސާއެއްވެސް މިއަދު ވަނީ ހިނގައިފައެވެ.

ރެއިން ފެށިގެން މެޓް އޮފީހުން މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެ، މޫސުމަށް ސަމާލުވުމަށް އަންނަނީ އިލްތިމާސްކުރަމުންނެވެ. އެގޮތުން އެންމެ ފަހުން ނެރުނު ޔެލޯ އެލާޓްގައި މެޓް އޮފީހުން ބުނީ، ގަޑިއަކު 28 މޭލާއި 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއަދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އެމްއެންޑީއެފާއި މެޓް އޮފީހުން އަންނަނީ މޫސުމަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކުރަމުންނެވެ.

މިއަދު ހަވީރު މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރި ލޯންޗެއް ރާޅެއްގައި ޖެހުމުގެ ސަބަބުން، ލޯންޗުން ދަތުރުކުރި އަންހެނަކާއި އޭނަގެ ދެ ދަރިން މޫދަށް ވެއްޓުނު ހާދިސާގައި، ވެއްޓުނު ކުޑަ ފިރިހެން ކުއްޖާ އަދިވެސް ފެނިފައި ނުވާއިރު، އަންހެން މީހާ ވަނީ މި ހާދިސާގައި ނިޔާވެފައެވެ. މި ލޯންޗުން 12 މީހުން ދަތުރުކުރިއެވެ.

މީގެ އިތުރުން މިއަދު މެންދުރުގެ ވަގުތެއްގައި އެމްޕީއެލްގެ ޕައިލެޓް ބޯޓެއްގެ ހަލް ފަޅައިގެންދިޔުމުގެ ހާދިސާއެއް ވެސް ވަނީ ހިނގައިފައެވެ.

މާދަމާ ހެނދުނު 06:00 އާ ހަމައަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެހެންކަމުން މިގޮތަށް މޫސުން ގޯސް ދުވަސްވަރުގައި ރާއްޖޭގައި ކަނޑުމަތީގެ ހާދިސާތައް މީގެ ކުރިންވެސް ހިނގައިފައިވާއިރު، ކަމާ ބެހޭ ފަރާތްތަކުން އިރުޝާދުދޭ ގޮތަށް، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުން ވަރަށް މުހިއްމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ