ރާއްޖޭގެ މުވާސަލާތީ އެންމެ ބޮޑު ކުންފުނި ދިރާގުގެ ބައެއް ހިދުމަތްތަކަށް ދިމާވި މައްސަލަ ހައްލުކޮށްފިއެވެ.
ދިރާގުގެ މޮބައިލް ނަމްބަރުތަކަށް ރޭ ފަތިހުން ފެށިގެން ގުޅުމުގައި އަދި މޮބައިލް އިންޓަނެޓް ބޭނުންކުރުމުގައިވެސް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
ދިރާގުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަތައް ހައްލުކޮށް ކުރިއެކޭވެސް އެއްގޮތަށް މިހާރު ހިދުމަތް ލިބޭނެކަމަށެވެ.
މިކަމާ ގުޅިގެން މިއަދު ހެނދުނު ދިރާގުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ މޮބައިލް ކަސްޓަމަރުންނަށް ގުޅުމާއި ޑޭޓާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ދިމާވެފައިވާ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ދިރާގުން ކުރިން ބުނެފައިވެއެވެ.



