ރިލްވާން

ރިލްވާން ގެއްލުވާލި މީހުންގެ މައުލޫމާތު ފަނޑިޔާރު ދީދީ އަށް ފޮނުވީ އަދީބު!

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މީހުންގެ މައުލޫމާތު ފަނޑިޔާރު ދީދީ އަށް ފޮނުވީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުކަމަށް ރާއްޖޭގެ މަޝްހޫރު އޮންލައިން ނޫސް "ސަން" އިން ރިޕޯޓްކޮށްފިއެވެ.

"ސަން" އިން ރިޕޯޓްކޮށްފައިވަނީ ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައި ތިބި ދެމީހުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގެ ކުރިން އެ މީހުންގެ މައުލޫމާތު ފަނޑިޔާރު އަބްދުﷲ ދީދީއަށް މެސެޖުކޮށް އަންގާފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށެވެ.

ރިލްވާން ގެއްލުނު މައްސަލައިގައި ތުހުމަތުވާ، ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދާއި ސ. މީދޫ ސީދާ މަންޒިލް އަބްދުﷲ ހައިޝަމް ދޫކޮށްލުމަށް އަމުރު ނެެރުއްވީ އޭރު ކްރިމިނަލް ކޯޓްގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަމުންދާ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައިގެ ތަޙްޤީޤުގައި ފުލުހުން ޖޭއެސްސީއާ ހިއްސާކޮށްފައިވާ ގިނަ ހެކިތަކެއް ޖޭއެސްސީގެ މެމްބަރު ހިސާން ހުސައިން ވަނީ އާއްމުކޮށްފައެވެ.

ހިސާން ވިދާޅުވީ މ. ޝައިނިން ސްޓާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ފުލުހުން ހައްޔަރުކޮށްފައި ހުރި ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދާއި ސ. މީދޫ ސީދާ މަންޒިލް އަބްދުﷲ ހައިޝަމް ބަންދުން ދޫކުރެވޭނޭ އިންތިޒާމު ހަމަޖެއްސުމަށް މާލޭގެ ކުށުގެ މާހައުލުގައި އުޅޭ ކަމަށް ފާހަގަ ކުރެވިފައިވާ މީހަކު "ސަސްޕެކްޓް އެކަކާ" މުއާމަލާތް ކޮށްފައިވާކަމުހެ ހެކި ފުލުހުންނަށް ލިބިފައިވާކަން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

އިތުބާރުހުރި މަސްދަރަކާ ހަވާލާދީ "ސަން" އިން ރިޕޯޓްކޮށްފައިވަނީ ޖޭއެސްސީ އިން ވިދާޅުވާ "ސަސްޕެކްޓް އެކަކީ" ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ކަމަށެވެ.

އެ ދެމީހުންގެ މައުލޫމާތު ޓެކްސްޓް މެސެޖު މެދުވެރިކޮށް ފަނޑިޔާރު އަބްދުﷲ ދީދީއާ ހިއްސާކުރި ފަހުން، ރިލްވާންގެ މައްސަލައިގައި ހައްޔަރުކުރި ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދު އާއި ސ. މީދޫ، ސީދާ މަންޒިލް އަބްދުﷲ ހައިޝަމް ވެސް ދުކޮށްލާފައިވަނީ "ސަސްޕެކްޓް އެކެއް"ގެ އިރުޝާދުގެ ދަށުން ކަމަށް ޖޭއެސްސީއިން މިއަދު އާންމު ކުރި ހެކިތަކަށް ބަލާއިރު ބެލެވެއެވެ.

ގެއްލިފައިވާ މީހުންނާއި މަރުތައް ތަޙްޤީޤު ކުރުމަށް ރައީސް ޞޯލިޙް އެކުލަވާލެއްވި ރިޔާސީ ކޮމީޝަނުން، ރިލްވާނުގެ މައްސަލައިގައި އަދީބުގެ ބަޔާން ނަގާފައިވާއިރު، މިވަގުތު އަދީބު ހުންނެވީ ބޭސްފަރުވާއަށް ވަޑައިގެން އަވަށްޓެރި އިންޑިއާގައި ކަރެކްޝަންސް އަދި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް އާއްމުން އަދި މުއައްސަސާތަކުން ބޮޑެތި ތުހުމަތުތަކެއް ކުރި ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް