ހއ. ކެލާ ކަނޑޫފަލުން ވަކި މުއްދަތަކަށް ކަނޑޫ ހޮވުން އެރަށު ކައުންސިލުން މަނާކޮށްފި އެވެ.
ކެލާ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ކެލާ ކަނޑޫފަލުގައި މަރުވެފައިވާ ކަނޑޫ ގަސްތައް އެސަރަހައްދުން ނަގައި އަލުން ކަނޑޫ އިންދާ ހެއްދުމުގެ މަސައްކަތް ކުރުމަށް ކައުންސިލުން ވަނީ ނިންމައިފައި ކަމަށެވެ. މިކަމަށްޓަކައި މިހާރު ކަނޑޫފަލުގައި ހިކިފައިވާ ކަނޑޫގަސްތައް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ކެލާ ކަނޑޫފަލުން ކަނޑޫ ހޮވުން ހަ މަސްދުވަހަށް މަނާކޮށްފައިވާ ކަމަށް ކެލާ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ހިކިފައިވާ ކަނޑޫ ގަސްތައް ކައުންސިލުން ވިއްކާލަން ނިންމާފައިވާއިރު، އަގުތައް ކަނޑައަޅާފައި ވަނީ ކަނޑޫފާތައް ބެލެހެއްޓުމާއި ގުޅޭގޮތުން އީޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކަނޑޫ ގަސްތައް ވިއްކަން ކަނޑައަޅާފައިވާ އަގުތައް
- ވަށަމިނުގައި 10 ސެންޓިމީޓަރު ހަމަނުވާ ނަމަ ހިލޭ
- ވަށަމިން 10 އާއި 20 ސެންޓިމީޓަރާ ދެމެދުގައި ހުރެއްޖެ ނަމަ ފަސް ރުފިޔާއަށް
- ވަށަމިން 20 އާއި 30 ސެންޓިމީޓަރާ ދެމެދުގައި ހުރެއްޖެ ނަމަ 10 ރުފިޔާއަށް
- ވަށަމިން 50 ސެންޓިމީޓަރަށްވުރެ ބޮޑުނަމަ ކޮންމެ ސެންޓިމީޓަރަކަށް 50 ލާރީގެ ރޭޓު
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ކަނޑޫފާތައް މަރުވާން ފަށައިފައިވާކަން އެންމެ ފުރަތަމަ ފާހަގަކުރެވިފައި ވަނީ 2020 ވަނަ އަހަރުގެ ކުރީ ކޮޅުއެވެ. އެގޮތުން އޭރު ހދ. ނޭކުރެންދޫ އާއި ހދ. ކެލާގެ ކަނޑޫފާގެ ބޮޑު ބައެއް މަރުވެފައިވާއިރު، ރާއްޖޭގެ އުތުރުގެ ގިނަ ރަށްތަކެއްގެ ކަނޑޫފާތައް މަރުވާން ވަނީ ފަށައިފައެވެ.
ކަނޑޫފާތައް މަރުވާ ސަބަބު ހޯދުމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ވަނީ އެ ކަނޑޫފާތަކުގެ ސާމްޕަލްތައް ނަގާ ދިރާސާތަކެއްވެސް ކޮށްފައެވެ.