ރާއްޖޭގެ ދެކުނު ދެ އަތޮޅަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މިއަދު ޔެލޯ އެލާޓް ނެރެފައި ވަނީ ގއ. އަތޮޅާއި ގދ، އަތޮޅަށެވެ. ޔެލޯ އެލާޓް ނެރެފައިވާ ވަގުތަކީ މިއަދު 11:30 އިން ފެށިގެން 14:00 އާއި ހަމައަށެވެ.
އެ އިދާރާއިން ނެރުނު ޔެލޯ އެލާޓްގައި ބުނެފައި ވަނީ، އެވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އޭގެ އިތުރުން ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މިއަދު ހެނދުނުން ފެށިގެން 14:00 އާއި ހަމައަށް މެޓް އޮފީހުން ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓްެވެސް ނެރެފަ އެވެ.
މޫސުމީ ސަމާލު ނެރެފައިވާ ސަރަހައްދެއްގައި ދަތުރުކުރާނަމަ ބައެއް ހާލަތްތަކުގައި ލައިފް ޖެކެޓް އެޅުން ލާޒިމްކޮށް، އަދި ބައެއް އުޅަނދުތައް ދުއްވުން މަނާކޮށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދު އިސްލާހުކޮށް ޓްރާންސްޕޯޓް އޮތޯރިޓީން ގެޒެޓް ކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ގައެވެ.
މި އިސްލާހުގައިވާގޮތުން ޔެލޯ އެލާޓް ނެރެފައި ވަނިކޮށް، މޫސުމީ ސަމާލުގެ ތެރެއިން ރީނދޫ، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ސަރަޙައްދެއްގައި، 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީވެސް އަދި ދަތުރަށް ނުކުތުމަކީވެސް މަނާކަމެކެވެ. ނަމަވެސް، ސަރުކާރުގެ އިދާރާއަކުން ހުއްދަ ލިބިގެން ކުރާ އިމަރޖެންސީ ދަތުރުތައް ކުރުމަށް މި ހާލަތުގައި ހުރަަސް ނާޅައެވެ. އަދި ވަށައިގެން ބަންދު ކުރެވިފައި ހުންނަ އުޅަނދުތަކާއި ނުވަ މީޓަރުން މަތީގެ އުޅަނދުތަކުގައި ލައިފްޖެކްޓް އޮންނަންވާނީ ފަސިންޖަރުންގެ އަތުގައިކަމަށް ގަވާއިދުގައި ބުނެ އެވެ. އެލާޓެއް ނެތް ނަމަވެސް، ލައިފް ޖެކެޓް ފަސިންޖަރުންގެ އަތުގައި އޮތުން ލާޒިމެވެ.
އޭގެ އިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރު ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރާ އުޅަނދުފަހަރުގައި، ބައެއް ހާލަތްތަކުގައި ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމާއި، ލައިފްޖެކެޓް އަޅާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އެ ހާލަތްތަކަކީ:
- 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ދަތުރެއް ފެށުމުގެ ކުރިން
- މޫސުމީ ސަމާލު ނެރެފައިވާ ސަރަޙައްދެއްގައި ދަތުރުކުރާނަމަ އެ ސަރަޙައްދެއްގައި އެ ދަތުރެއް ފެށުމުގެ ކުރިން
- މޫދު ކުޅިވަރަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުފަހަރާއި މުނިފޫހިފިލުވުމަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން 9 މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ދުއްވާނަމަ އެ ދަތުރެއް ފެށުމުކުރިން؛
މި ހާލަތުގައި ދަތުރުކުރާ ފަރާތްތަކުން މި ގަވާއިދާ ހިލާފުވެއްޖެނަމަ ޖޫރިނަމާކުރެވޭނެ އެވެ.
މެޓް އޮފީހުން މިއަދު ވަނީ، ބެންގޯލްގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދުގައި ވައި ގަދަވުމާއެކު ކަނޑުތައް ގަދަވާނެކަމަށް ލަފާ ކޮށްފައެވެ.