މާލޭގައި އިމާރާތެއްގެ ފާރު ތަޅަނިކޮށް ޑިސްޓްރިބިއުޝަން ފޮއްޓެއްގެ މައްޗަށް ކޮންކްރީޓްގަނޑެއް ވެއްޓި އެ ސަރަހައްދުގެ ބައެއް ގެތަކުން މިރޭ ކަރަންޓު ކެނޑިއްޖެއެވެ.
ފުލުހުން ވިދާޅުވީ، މާފަންނު އަސުރުމާ ގޯޅި ތެރޭ ހުރި ގެއަކުން އެއްޗެއް ވެއްޓިގެން ހިނގި މި ހާދިސާގެ ރިޕޯޓު ލިބުނީ މިރޭ ނުވައެއް ޖަހާކަންހާއިރު ކަމަށެވެ.
ސެޓްލްކޯއިން ވިދާޅުވީ، މިހާރު ސްޓެލްކޯގެ ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ޑިސްތްރިބިއުޝަން ބޯޑަށް ދިމާވި މައްސަލަ ހައްލުކޮށް ވަރަށް އަވަހަށް ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށެވެ.
މިރޭ މާފަންނު ގެއެއްގެ އިމާރާތް ތަޅަނިކޮށް ކޮންކްރީޓްގަނޑެއް ވެއްޓުނު އިރު، މިފަދަ ހާދިސާތައް މެދުވެރިވުން މިހާރު ވަނީ އިތުރުވެފައެވެ. އެގޮތުން މި މަހު 10 ވަނަ ދުވަހު ވެސް ވަނީ އިމާރާތެއް ތަޅަނިކޮށް، ކޮންކްރީޓްގަނޑުތަކެއް ވެއްޓި ޖެހިގެން ހުރިގޭ ފާރަށް ގެއްލުންވެފައެވެ.
އިމާރާތްތަކުން އެއްޗެހި ވެއްޓި ތަކެއްޗަށާއި، އާއްމުންނަށް ގެއްލުންވަމުންދާއިރު، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުންވެސް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.



