އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް

އެޗްޑީސީން ސިޓީ ކައުންސިލް ގޮވައިގެން ކޯޓަށް

މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށާއި، އެކަމުގެ ސަބަބުން ހައުސިން ޑިވެލޮޕަމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ކައުސިލްގެ މައްޗަށް ދައުވާ އުފުލާނެކަމަށް އެޗްޑީސީން ބުނެފިއެވެ. 

އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ހުޅުމާލެ ބިމަކީއެ ކޯޕަރޭޝަނުގެ އަމިއްލަ ހަރަދުގައި ހިއްކާފައިވާ އަދި އެ ކޯޕަރޭޝަނަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއް ކަަމަށާއި، އެ ކޯޕަރޭޝަނަކީ ގާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްގު ލިބިދީފައިވާ ވަކި ޝަހްސެއް ކަަމަށެވެ.

އަދި ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އެ ކޯޕަރޭޝަނަށް ލިބިދީފައިވާކަން ރަމްޒުކޮށްދޭ ބިމުގެ ރަޖިސްޓަރީ ބާތިލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމެވި ނިންމުމަކީ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއި، ބިމާއި ބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގެ (ނ)އާއި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ހ)އާ ހިލާފަށް އެ ކައުންސިލުން ނިންމާފައިވާ ގާނޫނާއި ހިލާފު، ނާތަހުޒީބީ ނިންމުމެއް ކަމަށް ދެކޭ ކަމަށް އެޗްޑީސީން ނެރުނު ބަޔާނުގައި ވެއެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 2-56 ވަނަ މާއްދާގެ (ށ)ގައި ވާގޮތުން، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އާއްމު ރައްޔިތުންނަށާއި، ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހާއި ވަސީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ ހަރުމުދަލާއި، ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ އެގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށެވެ". އެެޗްޑީސީގެ ބަޔާނުގައި ވެއެވެ.

އެ ކޯޕަރޭޝަނުން ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 8 ވަނަ އިސްލާހް ގެނެވުނު އިރު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ބިންވެސް ވަނީ އަމިއްލަ ބިމެއްގެ ގޮތުގައި އެ ކޯޕަރޭޝަނުގެ ނަންމަތީގައި ރަޖިސްޓްރީކޮށްދީފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ ރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިލްކުވެރިކަން ބަދަލު ކުރުމުގެ ގާނޫނުގައިވާގޮތުން، ފަރާތަކަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރުއީ ކޯޓެއް މެދުވެރިކޮށް ކަމަށެވެ.

"ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުންވެސް، އަމިއްލަ މުދަލަކީ ގާނޫނު ހުއްދަނުކުރާ ގޮތަކަށް ނިގުޅައިގަނެގެންވާނޭ އެއްޗެއް ނޫނެވެ. ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވައި އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ އެއްވެސް ފަރުދެއްގެ މުދަލެއް އެފަރާތުގެ ރުހުންނެތި ނެގުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ނިގުޅައިގަތުމެވެ. ބިމުގެ ރަޖިސްޓަރީގައި ބަޔާންކުރެވިފައިވާ އެބިމުގެ މިލްކުވެރިކަމުގެ ގާނޫނީ ހައްގަކީ ކަނޑައެޅި ބަޔާންވެގެންވާ ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް ނޫންގޮތަކަށް ބާތިލުކުރެވޭނެ ހައެއް ނޫނެވެ. "އެޗްޑީސީގެ ބަޔާނުގައި ވެއެވެ.

އެޗްޑީސީން ބުނެފައި ވަނީ، ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި އެ މިލްކުވެރިކަމާއި ގުޅިގެން އެ ކޯޕަރޭޝަނަށް ލިބިފައިވާ އެންމެހައި ހައްގުތަށް އެ ކޯޕަރޭޝަނަށް ލިބިގެންވާއިރު، ގާނޫނުތަކާއި ހިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމެވުން އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި، މިކަމުގެ ސަބަބުން އެ ކޯޕަރޭޝަނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދައުވާ އުފުލާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ