ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފަސް އަތޮޅެއްގެ މޫސުން ގޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް އޮފީސް) އިން ޔެލޯ އެލާޓް ނެރެފިއެވެ.
ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށެވެ. މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދުގެ 16:15 އާއި ހަމައަށެވެ. މީގެ އިތުރުން މިއަދު ވަނީ ރާއްޖޭގެ އަށް އަތޮޅަކަށް ވައިޓް އެލާޓްވެސް ނެރެފައެވެ.
ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ނެރެފައިވާ ޔެލޯ އެލާޓްގައި މެޓް އޮފީހުން ބުނީ، އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑޫތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އިރުވައި މޫސުން ފެށި ކުރިއަށް އޮތް ދުވަސްތަކުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، އިއްޔެ ވަނި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަރަށް ބޯކޮށް ވިއްސާރަކޮށްފައެވެ. އެގޮތުން މާލެ ސިޓީއަށް އިއްޔެގެ ގިނަ ވަގުތު ތަކުގައި ބޯކޮށް ވިއްސާރަވެހުމާއެކު ވައި ގަދަވި އިރު، މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންގަނޑު ހެދުނެވެ.
މޫސުމީ ސަމާލު ނެރެފައިވާ ސަރަހައްދެއްގައި ދަތުރުކުރާނަމަ ބައެއް ހާލަތްތަކުގައި ލައިފް ޖެކެޓް އެޅުން ލާޒިމްކޮށް، އަދި ބައެއް އުޅަނދުތައް ދުއްވުން މަނާކޮށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދު އިސްލާހުކޮށް ޓްރާންސްޕޯޓް އޮތޯރިޓީން ގެޒެޓް ކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހު 31 ގައެވެ.
މި އިސްލާހުގައިވާގޮތުން ޔެލޯ އެލާޓް ނެރެފައި ވަނިކޮށް، މޫސުމީ ސަމާލުގެ ތެރެއިން ރީނދޫ، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ސަރަޙައްދެއްގައި، 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީވެސް އަދި ދަތުރަށް ނުކުތުމަކީވެސް މަނާކަމެކެވެ. ނަމަވެސް، ސަރުކާރުގެ އިދާރާއަކުން ހުއްދަ ލިބިގެން ކުރާ އިމަރޖެންސީ ދަތުރުތައް ކުރުމަށް މި ހާލަތުގައި ހުރަަސް ނާޅައެވެ. އަދި ވަށައިގެން ބަންދު ކުރެވިފައި ހުންނަ އުޅަނދުތަކާއި ނުވަ މީޓަރުން މަތީގެ އުޅަނދުތަކުގައި ލައިފްޖެކްޓް އޮންނަންވާނީ ފަސިންޖަރުންގެ އަތުގައިކަމަށް ގަވާއިދުގައި ބުނެ އެވެ. އެލާޓެއް ނެތް ނަމަވެސް، ލައިފް ޖެކެޓް ފަސިންޖަރުންގެ އަތުގައި އޮތުން ލާޒިމެވެ.



