ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޮންގެ އިތުރު 4 ކޭސް ރާއްޖެއިން ފެނިފައިވާ ކަމަށް ހެލްތް އިމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ހާމަކޮށްފި އެވެ.
އެޗްޕީއޭ އިންް މިއަދު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެޖެންސީގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އޮމިކްރޯނުގެ އައު 4 ކޭސް ފެނިފައިވަނީ ރާއްޖެއަށް އައި 4 ފަތުރުވެރިންގެ ގައިން ކަމަށެވެ. އަދި މި 4 މީހުންނަކީ ވެސް ދެކުނު އެފްރީކާއަށް ދަތުރުކޮށްފައިވާ މީހުންކަމަށް އޭނާ އަފްޒަލް ފާހަގަކުރި އެވެ.
ޑރ އަފްޒަލް ވިދާޅުވީ އާ ވޭރިއަންޓުގެ އިތުރު ކޭސްތައް ފެނުމާއި ގުޅިގެން ރިސްކް އެސެސްމަންޓް ހަދައި، އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ބަލާ އެކަމާ މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.
އޮމިކްރޮން ވޭރިއަންޓްއަކީ އެކަކު އަނެކަކު ގައިން ފަސޭހައަށް އެރުމުގެ ފުރުސަތު ބޮޑު ވޭރިއަންޓްއެއްކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. މިކަން ފާހަގަކޮށް އަފްޒަލް ވިދާޅުވީ، އާ ވޭރިއަންޓު ފެތުރޭލެއް އަވަސްވި ކަމުގައި ވިޔަސް، ބޫސްޓަރ ޑޯޒްއާއިއެކީ މިވޭރިއަންޓްއިން ސަލާމަތްވުމުގެ ފުރުސަތު ބޮޑުކަމަށެވެ.
ރާއްޖެއިން އޮމިކްރޯން ވޭރިއަންޓް އެންމެ ފުރަތަމަ ފެނިފައިވަނީ ޑިސެމްބަރު ފަސްވަނަ ދުވަހުއެވެ. އެފަހަރުވެސް މި ވޭރިއަންޓަށް ޕޮޒިޓިވްވެފައިވަނީ ރާއްޖެއަށް އައި ސައުތު އެފްރިކާގެ ފަތުރުވެރިއެއްގެ ކިބައިންނެވެ.




