މޭލަ އާއި އަޅާ ބަލާއިރު އަތޮޅުތެރޭގައި ކޮވިޑް-19 ގެ ހާލަތު ބޮޑަށް ގޯސް ކަމަށާއި، އެގޮތުން އަތޮޅު ތެރޭޣެ ފަސް ރަށެއްގެ ހާލަތު ބޮޑަށް ގޯސްވެފައިވާ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.
އެޗްއީއޯސީން މިިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިހާރު ހާލަތަށް ބަލާއިރު އަތޮޅު ތެރޭގައި ކޮވިޑްގެ ކޭސްތައް ގިނަ ކަމަށާއި، އަތޮޅު ތެރޭގައި މިހާރުވެސް ކޮވިޑް-19 ޖެހިފައި 749 މީހުން އެބަތިބި ކަމަށެވެ.
މިވަގުތު އެޗްޕީއޭގެ މޮނިޓަރިންގެ ހާލަތުގައި 21 ރަށެއް އޮތްއިރު، އޭގެތެރެއިންވެސް އަތޮޅުތެރޭގެ ފަސް ރަށެއްގައި ކޮވިޑްގެ ކޭސްތައް ގިނަ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. އެ ފަސް ރަށަކީ އައްޑޫ ސިޓީ ހިތަދޫ، ދ. ކުޑަހުވަދޫ، ނ.މާފަރު، ބ.އޭދަފުށި، ތ.ވިލުފުށި ކަމަށް އަފްޒަލް ފާހަގަކުރި އެވެ.
އަފްޒަލް ވިދާޅުވީ، މި ރަށްތަކުގައި ކޮވިޑް އިން ރައްކާތެރިވުމަށް އެޅާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެގޮތުން ކުރިއަށް އޮތީ ސްކޫލް ބަންދު ޗުއްޓީ ކަމުން ދަތުރުފަތުރު ކުރުމުގައި ކޮވިޑްގެ ހާއްސަ ފިޔަވަޅުތަކަށް ސަމާލުކަން ދޭން ޖެހޭކަމަށް އަފްޒަލް ވިދާޅުވިއެވެ.





ހިޔާލު
ދެން ކީއްވެހޭ އެރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރެވެނީ ކަރަންޓީނުނުވެ.