ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް (ރިފަރެންސް ދިނުމަށް) މަޝްވަރާކުރެވުނު ނަމަވެސް، އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިސްނި، އެ ނިންމުން އެޑިއުކޭޝަން މިނިސްޓްރީން ބާތިލްކޮށްފި އެވެ.
ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް އަންގާ އެޑިއުކޭޝަން މިނިސްޓްރީން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް (އެންއައިއީ) ފޮނުވި ސިޓީއެއް އިއްޔެ އާއްމުވިއެވެ.
އެއާއެކު ގިނަ ބަޔެއްގެ ފާޑުކިޔުން އެޑިއުކޭޝަން މިނިސްޓްރީއަށް އަމާޒުވެފައި ވަނިކޮށް، މިއަދު އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އަލަށް ޗާޕްކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށްހުރިކަން ފާހަގަކުރެވި، މިކަން ހައްލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް ރިފަރެންސް ދިނުމަށް މަޝްވަރާކުރެވި މިކަން ބަޔާންކޮށް އެންއައިއީއަށް ސިޓީއެއް ފޮނުވުނު ކަމަށެވެ.
މިގޮތަށް މަޝްވަރާ ކުރެވުނީ އެއްވެސް ހާލެއްގައި ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއްގައި ނޫން ކަމަށާއި، އެ ގޮތަށް މަޝްވަރާ ކުރެވުނީ ޤުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރު ނުވާނެގޮތެއް ހެދުމަށާއި މި
ފޮތްތައް ނައްތާލާއިރު ޤުރުއާންގެ އާޔަތްތަކަށް އިހާނެތިކޮށް ބައެއް ފަހަރު ޢަމަލުކުރެވޭކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާތީ ކަމަށް އެޑިއުކޭޝަނުން ވިދާޅުވި އެވެ.
"ނަމަވެސް އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިސްނި އަދި ދަރިވަރުންނަށް ކޮންމެ ފަހަރަކު ޚަތިމަށް ނުވަތަ އައްމާފޮތަށް ބެލުމަކީ ދަތި ކަމަކަށް ވާނެ ކަމުން އެ ސިޓީއަށް ޢަމަލު ނުކުރުމަށް ޖެހިގެން އައި ދުވަހު ވާނީ އެންއައިއީ އަށް އަންގާފައެވެ. އަދި ފަހުންވާނީ ލިޔުމުން ކުރިން ފޮނުވުނު ސިޓީ ބާތިލްވެސް ކޮށްފައެވެ." މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނީ އިސްލާމް ފޮތާއި ގުރުއާން ފޮތްތަކުގައި ހުރި ކުށްތައް އިސްލާހުކޮށް ޕްރޫޕްރީޑިން ވަރުގަދަކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިފަހަރު ފޮތްތައް ޗާޕުކުރާއިރު ކުށްތައް އިސްލާހުވެފައިވާކަން ވެސް ކަށަވަރުކުުރުމަށް ވެސް އަންގާފައިވާ ކަމަށެވެ.
މީގެ އިތުރުން އެޑިއުކޭޝަނުން ވިދާޅުވީ، ގުރުއާންގެ އާޔަތްތައް ފޮތްތަކުން އުނި ނުކުރާނެ ކަމާއި މިކަމުގައި މިނިސްޓްރީން އަމަލުކުރަން ނިންމާފައިވާ ގޮތް ވެސް މީޑިއާތަކާ ހިއްސާކުރި ކަމަށެވެ. މިނިސްޓްރީން ވަނީ "ހަބަރާ ގުޅިގެން" ބެލެނިވެރީންގެ ހިތުގައި އުފެދުނު ނުތަނަސްކަމަށްޓަކައި މައާފަށް އެދިފަ އެވެ.
"މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަބަދު ވެސް މަސައްކަތްކުރަނީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫހު އާލާކޮށް ދީނީ ލޯބި އަށަގެންނެވުމަށް ކަމުގައި ދަންނަވަމެވެ،" ބަޔާނުގައި ވެއެވެ.




