މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ބޯޑު މެންބަރަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު އައްޔަންކޮށްފި އެވެ.
އެމްއޭސީއެލްގެ ބޯޑަށް ސިޔާދު އައްޔަންކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.
ސިޔާދު މި މަގާމަށް އައްޔަންކުރުމުގެ ކުރިން އެނާ ހުންނެވީ ވިލާ ގުރޫޕުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އެގްޒެކެޓިވް ބޯޑް މެންބަރުކަންވެސް ސިޔާދު ވަނީ ކުރައްވާފައެވެ.
އެމްއޭސީއެލްގެ ބޯޑުގައި ސިޔާދުގެ އިތުރު އިތުރު ހަ މެންބަރުން ތިއްބަވައެވެ. ބޯޑުގެ ޗެއާމަނަކީ މުހައަމަދު އުމަރު މަނިކެވެ. އަދި ބޯޑް މެންބަރުންގެ ގޮތުގައި ތިއްބަވަނީ އިބްރާހިމް ނޫރައްދީނާއި، ޑރ. އިބްރާހިމް މަހްފޫޒް، އައިޝަތު އަރުޝާ، އަދި އަހުމަދު އައިމަން މޫސާއެވެ.
އެމްއޭސީއެލްގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި އިނގިރޭސި ވިލާތުގެ ގޯޑަން އެންޑްރޫ ވަނީ މިދިޔަ މަހު މަގާމުން ވަކިކޮށްފައެވެ.




