ބޫސްޓާ ޑޯޒު ޖެހަން ފެށުން ލަސްވަނީ ސިރިންޖް ލިބުން ލަސްވާތީވެ: އެޗްއީއޯސީ

މި މަހުގެ މެދުތެރޭގައި ފެށުމަށް ތާވަލު ކުރި، ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ޖެހުމުގެ ޕްރޮގްރާމް ފެށުން ލަސްވަނީ ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖް ޝިޕްމެންޓް ލިބުމުގައި ލަސްތަކެއް އުޅޭތީ ކަމަށް ހެލްތް އިމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ.

އާއްމުކޮށް ހުޅުވާލައިގެން ބޫސްޓާ ޑޯޒު ޖަހަން ފެށުމަށް ބޭނުންވާ ފައިޒާ ވެކްސިންގެ އާ ޝިޕްމެންޓް އިއްޔެ ވަނީ ރާއްޖެ ގެނެސްފަ އެވެ. އެޗްއީއޯސީން ބުނީ، ފައިޒާގެ އާ ޝިޕްމެންޓް ލިބުމާއެކު ބޫސްޓާ ޑޯޒު ޖެހުމުގެ ޕްރޮގްރާމް ފެށުމަށް އެންމެ ފަހުންގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ނަމަވެސް ފައިޒާ ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖްގެ ގްލޯބަލް ޝޯޓޭޖެއް އުޅޭތީވެ، އެ ޝިޕްމެންޓް ލިބުމުގައި ލަސްތަކެއް އުޅޭކަމަށް އެޗްއީއޯސީން ބުންނެވެ. އެހެންކަމުން ސިރިންޖް ލިބުމާއެކު، އެހެނިހެން ތައްޔާރީތައްވެސް ނިމުމުން ވެކްސިން ޖަހާނެ ދުވަހެއް އިއުލާނުކުރާނެ ކަމަށް ބުންޏެވެ.

އިއްޔެ ރާއްޖެ ގެނެސްފައި ވަނީ  ކޮވެކްސް ފެސިލިޓީން ރާއްޖެއަށް ހަދިޔާކުރި 100،620 ޑޯޒުގެ ފައިޒާ ވެކްސިންނެވެ. ފައިޒާގެ އިތުރު ޝިޕްމެންޓެއް ރާއްޖެ ގެނެސްފައި މިވަނީ، ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ފައިޒާ ވެކްސިންގެ ތިން ވަނަ ޑޯޒެއް ނުވަތަ ބޫސްޓާ ޑޯޒު ޖެހުމަށް އިލްތިމާސް ކުރުމާއެކު، ބޫސްޓާ ޑޯޒު ޖެހުމުގެ މަސައްކަތް ރާއްޖޭގައިވެސް ފަށައިފައި ވަނިކޮށެވެ.

އޭގެ އިތުރުން ކޮވިޑްގެ އާ ވޭރިއަންޓް، އޮޮމިކްރޮން ރާއްޖެއިންވެސް ފެނުމާއެކު، އާއްމުކޮށް ހުޅުވާލައިގެން ބޫސްޓާ ޖެހުމުގެ ޕްރޮގްރާމެއް މި މަހުގެ މެދުތެރޭގައި ފަށާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާންކުރައްވައިފަ އެވެ.

ރާއްޖޭގައި ފައިޒާ ވެކްސިންގެ ތިންވަނަ ޑޯޒެއް ދޭން ފަށައިފައިވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ. މި ވެކްސިންގެ ބޫސްޓާ ޑޯޒު ރާއްޖޭގައި ފުރަތަމަ ދީފައި ވަނީ 60 އަހަރުން މަތީގެ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންގެ އިތުރުން ފްރަންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުންނަށް އެކަންޏެވެ. ނަމަވެސް މިހާރު 50 އަހަރުން މަތީގެ މީހުންނަށް ތިންވަނަ ޑޯޒު ޖަހަން ވަނީ ފަށައިފައެވެ.

ބޫސްޓާ ޑޯޒު ޖަހަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތަކުން 180 ދުވަސް ހަމަވުމުންނެވެ.

އެޗްޕީއޭގެ ފަހުގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިހާތަނަށް ފައިޒާ ވެކްސިންގެ ބޫސްޓާ ޑޯޒު 22،000 އަށްވުރެ ގިނަ މީހުން ރާއްޖެއިން ވަނީ ޖަހައިފައެވެ. ދި ރާއްޖޭގައި ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ މީހުންގެ ޖުމްލަ އަދަދުވަނީ 366،165 އަށް ވުރެ މަތިވެފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ