މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަލަހައްޓަމުން އަންނަ މާލޭ ޓީޖެޓީ، ސިޓީ ކައުންސިލާ ހަވާލުނުކުރުމުން އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފައިވާ ކަމަށް ޑެޕިއުޓީ މޭޔަރު މުހައްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
ޓީޖެޓީ އެމްޕީއެލްއާ ހަވާލުކޮށްފައި ވަނީ، 2015ގައި މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެންނެވެ. މިފަހުން މުއިއްޒު ވިދާޅުވީ، ޓީޖެޓީ ހަވާލުކުރަން އެމްޕީއެލްއަށް ދީފައިވާ މުއްދަތު ހަމަވާ ދުވަހު ކައުންސިލުން އެ ތަނާ ހަވާލުވާން ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، މާލެ ޓީ ޖެޓީ ކައުންސިލާއި ހަވާލު ކުރުމަށް އެމްޕީއެލްއަށް ދީފައިވާ 97 ދުވަސް ،18 ޑިސެމްބަރ ގައި ހަމަވެފައިވާތީ ޓީ-ޖެޓީއާއި ސިޓީ ކައުންސިލުން ހަވާލުވުމަށް ޓީ-ޖެޓީ ސަރަހައްދަށް ކައުންސިލުން ގޮސްފައިވާ ކަމަށެވެ.
ނަމަވެސް އެ ސަރަހައްދަށް އެމްޕީއެލްގެ އެއްވެސް އިސްބޭފުޅަކު ވަޑައިގެންފައެއް ނުވެއެވެ.
އެ ސަރަހައްދުގައި ހުންނަވާ ނޫސްވެރިންނާ ބައްދަލުކުރައްވާ ނަރީޝް ދެއްކެވި ވާހަކައިގައި ވިދާޅުވީ، އެމްޕީއެލް އިން ޖެޓީ ހިންގުމާ ކައުންސިލުން ދެކޮޅު ނޫން ކަމަށާއި ކަންބޮޑުވުމަކީ ޖެޓީން ރައްޔިތުންނަށް ލޯ ލާރިއެއް ވެސް ނުލިބޭ ގޮތަށް ހިންގާތީ ކަމަށެވެ.
ނަރީޝް ވިދާޅުވީ ޖެޓީގެ މައްސަލައިގައި އެމްޕީއެލް އާއެކު ނެގޯޝިއޭޓް ކުރަން ވެސް މަސައްކަތް ކޮށް، މިހާތަނަށް ފަސް ސިޓީއެއް އެމްޕީއެލް އަށް ފޮނުވާ، ބައްދަލުވެސް ކޮށްފައިވާނެ ކަމަށެވެ.
އެގޮތުން ފުރަތަމަ ބައްދަލުވުމުގައި، ނޯތު ހާބަރާއި ޓީޖެޓީ އަކީ އެމްޕީއެލް އަށް މުހިންމު ދެ ތަން ނޫން ކަމަށާއި އެހެންކަމުން ކައުންސިލުން އެ ތަންތަނާ ހަވާލުވާން އެމްޕީއެލް އިން ބުނި ކަމަށެވެ. ނަމަވެސް ދެވަނަ ބައްދަލުވުމުގައި ވާހަކަ ބަދަލުވެ، ޓްރާންސްޕޯޓާއި ހައުސިން މިނިސްޓްރީއާ މަޝްވަރާކޮށްގެން ޖެޓީއާ ހަވާލުވާން އެމްޕީއެލް އިން ބުނި ކަމަށް ނަރީޝް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގައި މި މައްސަލައިގައި އަޅުގަނޑުމެން ކޯޓަށް ވަންނާނަން. މާލޭ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ކޯޓަށް އަޅުގަނޑުމެން ވަންނާނަން. އެއަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ގާތްގަނޑަކަށް ވެ ނިމިއްޖެ،" އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގައި އެމްޕީއެލްގެ މީޑިއާ ކޯޑިނޭޓަރު ދާނިޝް ނިޒާމް މިއަދު ވިދާޅުވީ، ޓީޖެޓީ މައްސަލާގައިި އެ ކުންފުނީގެ ސްޓޭންޑް ވަރަށް ސާފުކަމަށެވެ. ވެ. އެ ކުންފުންޏާ ޓީޖެޓީ ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރު ހައުސިން މިނިސްޓްރީން މުއްދަތެއް ނެތް ގޮތަށް ކަމަށާއި އެމްޕީއެލްގެ އަތުން ޓީޖެޓީ ނެގުމުގެ ބާރު އޮންނާނީ އެ މިނިސްޓްރީއަށް ކަމަށް ދާނިޝް ވިދާޅުވި އެވެ.
"ޓީޖެޓީ މި ކުންފުނީގެ އަތުން ނެގުމުގެ ބާރު އޮންނާނީ މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ކަން މި ފުރުސަތުގައި ފާހަގަކޮށްލަމެވެ. އަދި، ތަންފީޒީ އިދާރާއަކުން ނުވަތަ މިނިސްޓްރީން ވަކި ގޮތަކަށް އަމަލުކުރަން އަންގައިފިނަމަ މި ކުންފުނިން އެގޮތަށް އަމަލުކުރާނެ ވާހަކަ ދަންނަވަން. އަދި އެމްއޯޔޫގައި އޮތް ގޮތަށް، ކުރިޔެއެކޭވެސް އެއްފަދައިން މި ކުންފުނިން ޓީޖެޓީގައި ދެމުންގެންދާ ހިދުމަތް ދެމުންގެންދާނެ ވާހަކަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވަން." ދާނީޝް ވިިދާޅުވި އެވެ.




