މިދުވަސްވަރު ރާއްޖޭގެ ޖައްވު ނުސާފުކޮށް ފެންނަނީ އިންޑިއާގެ ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމަޔަށް ފޯރާތީކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނެފިއެވެ.
އޭގަ ސަބަބުން އާއްމުކޮށް މޫސުން ރަގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށް ވުރެއް އިތުުރުވިނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ 4 – 5 ކިލޯމީޓަރަށް ވަނީ ދަށްވެފައި ކަމަށް މެޓް އޮފީހުން ބުންނެވެ.
މެޓް އޮފީހުން ބުނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލަވަމުންދާ މި ދުވަސްވަރުގައި ހިމާލިއަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރަމުންދާ ކަމަށެވެ. އަދި އޭގެ ސަބަބުން އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދުތަކުގައި ވައި ނުސާފްވެ، ދުރު ފެންނަ މިންވަރު ދަށްވާ ކަމަށެވެ.
މިހިރަފުހުގެ ސަބަބުން، ހާއްސަކޮށް، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫވުން ގާތް ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ. އަދި މިދުވަސްވަރު ވާރޭފެން ރައްކާކުރުމާއި ބޭނުންކުރުމުގައި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް
ދިނުން މުހިއްމު ކަމަށް އެ އިދާރާއިން ލަފާދިނެވެ.




