ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުންނަށް މާލީ އެހީ ދެނީ

ތޫފާން ރާއިގެ ސަބަބުން ފިލިޕީންސްގެ ސޭބޫގައި ހާލުގައިޖެހިފައިތިބި ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފިލިޕީންސް އަށް އެރި މި ތޫފާންގެ ސަބަބުން ފިިލިޕީންސްގެ އެކި ސަރަހައްދުތަކަށް ވަރަށް ބޮޑަށް އަސަރުކޮށް، ރަށްތައް ވަނީ ސުންނާފަތިވެފަ އެވެ. އަދި މި ތޫފާންގައި ފިލިޕީންސް އިން މަރުވި މީހުންހެ އަދަދު މިހާރު ވަނީ 300 އިން މައްޗަށް އަރައިފަ އެވެ.

ފިލިޕީންސްގެ ބައެއް ސަރަޙައްދުތަކަށް އެރި ބާރުގަދަ ތޫފާން "ރައި" ގެ ސަބަބުން އެ ޤައުމުގެ ސޭބޫ ސިޓީގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދިވެހި ދަރިވަރުންތަކެއް ދިރިއުޅެމުން ދިޔަ ޑޯމިޓަރީއަށް ބޮޑެތި ގެއްލުންތަކެއްވަނީ ވެފައެވެ. އެއާއެކު ރާއްޖޭގައި ތިބި އެކުދިންގެ ބެލެނިވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފޮރިން މިނިސްޓްރީން މިރޭ ވިދާޅުވީ، މި ތޫފާންގައި ދިވެހި ދަރިވަރުން އުޅޭ އެ ސަރަހައްދަށް ގެއްލުންވެފައިވާތީވެ، ފެނާއި ކަރަންޓު ކެނޑި، މުއާޞަލާތީ އަދި އެހެނިހެން އަސާސީ ޚިދުމަތްތަކަށް ބުރޫއެރުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ދަރިވަރުން، އަސާސީ ޚިދުމަތްތައް ލިބެންހުރި ހިޔާވައްސަކަށް ވަގުތީގޮތުން ބަދަލުވުމަށްޓަކައި، އެންސްޕާއާއި ޒަކާތު ފަންޑު މެދުވެރިކޮށް ދިވެހި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފައިވާ ކަމަށެވެ.

މީގެ އިތުރުން ދަރިވަރުން ދިރިއުޅެމުން ދިޔަ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ޢިއާދަކޮށް ފެނާއި އެހެނިހެން އަސާސީ ޚިދުމަތްތައް ދިނުމަށް ފިލިޕީންސްގެ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި އެކަމަށް މަހެއްހާ ދުވަސް ހޭދަވާނެކަމަށް ބެލެވޭކަމުގެ މަޢުލޫމާތު ފިލިޕީންސްގެ އެމްބަސީން ދެއްވާފައިވާތީ، މި އެހީ ދިނުމަށް ސަރުކާރުން ނިންމަވާފައިވަނީ 1 (އެކެއް) މަސްދުވަހުގެ މުއްދަތަށް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މިގޮތަށް ނިންމެވުމާ ގުޅިގެން، އެ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މި މިނިސްޓްރީއިން ކަމާގުޅުން ހުރި އިދާރާތަކާއެކު ކުރަމުންގެންދާކަމަށް މިނިސްޓްރީން ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ