މެލޭޝިއާ ދަތުރަކީ ރާއްޖެއާއި މެލޭޝިއާގެ ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ޒަމީރު

މެލޭޝިއާ ދަތުރަކީ ދިވެހި ރާއްޖެއާއި މެލޭޝިއާގެ ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު، މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މި މަހުގެ 27 އިން 30 އަށް މެލޭޝިއާގެ ބޮޑުވަޒީރު ޔާންގް އަމަތް ބަރހޮރމަތް ޑާޓޯ ސެރި އަންވަރް ބިން އިބްރާހީމްގެ ދަޢުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަޒީރު މޫސާ ޒަމީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޒަމީރު ވިދާޅުވީ މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ލިބުނު މުހިންމު ފުރުޞަތެއް ކަމަށެވެ.

"ދަތުރުފުޅުގައި މަތީ ފެންވަރުގެ މަޝްވަރާތަކާއި، އެއްބާރުލުންދިނުމާއި ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި އެކްސްޗޭންޖް އޮފް ނޯޓްސް (އީ.އޯ.އެން) ވެސް ވަނީ ބަދަލުކުރެވިފައި" ޒަމީރު ވިދާޅުވެފައި ވެއެވެ.

މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025 ގައި ތަޤުރީރުކުރައްވަމުން ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުޞަތުތަކުގެ ބޭނުން ކުރެއްވުމަށް މެލޭޝިއާގެ އިންވެސްޓަރުންނަށް ގޮވާލައްވާފައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މި ދަތުރުފުޅުގެ ތެރެއިން މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ޤައުމުގައި ދިވެހި އައިޑީ ކާޑު އަދި އީ-ޕާސްޕޯޓުގެ ޚިދުމަތްތައްވެސް ވަނީ ތައާރަފުކޮށްދެއްވާފައި" ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) ގެ ފަރާތުން ރައީސް މުޢިއްޒުއަށް، "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީއެއް އެރުވުމަކީވެސް ފަޚުރުވެރި ކަމެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ